English Edition
Dhivehi Edition

ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީޕާޓީއަށް ސޮއި ކުރެއްވުމަކީ އެޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށް ޖޭޕީން ބުނެފިއެވެ.

ޖޭޕީގެ ސެކްރެޓަރީޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އުމަރު ނަސީރަކީ ސިޔާސީ ގޮތުން ވަރަށް މަސައްކަތް ކުރައްވާ ބޭއްފުޅެއް ކަމަށެވެ. އެހެން ކަމުން އެފަދަ ބޭފުޅަކު ޖޭޕީ އިޚުތިޔާރު ކުރެއްވުމަކީ ޕާޓީން އުފާކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

“އުމަރު ނަސީރަކީ ސިޔާސީ ގޮތުން ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެއް. އެފަދަ ބޭފުޅެއް ޖޭޕީ އިޚުތިޔާރު ކުރައްވައި ސޮއިކުރެއްވުމަކީ ޖޭޕީން ދެކޭ ގޮތުގައި ޕާޓީއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް،” ސަމީރު ވިދާޅުވިއެވެ. އުމަރު ޖޭޕީއަށް ސޮއި ކުރެއްވީ މިއަދުއެވެ.

އުމަރު ޖޭޕީއަށް ސޮއިކުރައްވާ ވާހަކަ އިއުލާން ކުރެއްވުމުން ސިޔާސީ ބައެއް ބޭފުޅުންވަނީ އުމަރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އުމަރު ވިދާޅުވެފައިވަނީ ޖޭޕީއަށް ސޮއިކުރެއްވީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ސިޔާސީ އިސްބޭފުޅުންނާއި ޖޭޕީގެ އިސް ބޭފުޅުންނާވެސް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

އުމަރު ވިދާޅުވީ އޭނާ ޖޭޕީއަށް ސޮއިކުރެއްވީ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް އެހީތެރިވެ ދެއްވުމަށް ކަމަށެވެ.