English Edition
Dhivehi Edition

ފުށިދިއްގަރު ފަޅު ހިއްކާ ތަރައްޤީކުރާ “ރަސްމާލެ” ވެގެންދާނީ މާލެ ސަރަޙައްދުގައި ޒަމާނުއްސުރެ އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލު ގެނެސްދޭނެ ބިޔަ މަޝްރޫޢަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ވާ ބޮޑުމިނަށްވުރެ، 3 ގުނަ ބޮޑު ރަށަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެމްޕެއިންތަކުގައި ތަކުރާރުކޮށް ވަޢުދުވެވަޑައިގެންނެވިގޮތަށް، ސަރުކާރުން އެންމެ އިސްކަންދޭ މަސައްކަތްތަކުގެތެރޭގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ހިމަނުއްވާފައިވާކަމަށެވެ. އެގޮތުން މިފެށިގެން ދިޔައީ މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު މަޝްރޫޢުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިމަސައްކަތް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފެށިގެންދިޔައިރު، ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި މުޅިން ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ “ރަސްމާލެ” ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރާ މިންގަނޑު ތަކަށްކަމަށެވެ. އެގޮތުން އެތަން ހިއްކަނީ މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެފައިވާ ގޮތަށް، އެކަމާ ގުޅުން ހުރި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ. އެގޮތުން ހިއްކާ ރަށުގައި މެދަށް ތިން މީޓަރު އުސްމިން ހުންނާނެ ކަމަށާއި އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ސޭފް އައިލެންޑް” ބައިނަލްއަޤްވާމީ މިންގަނޑަށް މިތަރައްޤީކުރަނީ. މެދަށް 3 މީޓަރު އުސްކޮށް، އަދި ރަށުގެ އަރިއަށް 2 މީޓަރު އުސްކޮށް. އަދި ފެހިކަން ގަދަ، ހިތްގައިމު ރަށަކަށްވާނެ. އަދި މި ސީޓީ ވެގެންދާނީ ރާއްޖޭގެ ފުރަތަމަ “0 ކަރބަން” ސިޓީއަށް. ދުއްވާނީ ތިމާވެއްޓާ ރައްޓެހި އުޅަނދު.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސީޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނީ ތިމާވެއްޓާއި ރައްޓެހި ފުރިހަމަ ހަކަތައިގެ ނިޒާމަކުންކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން، މިސިޓީވެގެންދާނީ މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ޚިދުމަތްތައް ހޯދޭނެހެން ފަރުމާކޮށްފައވާ “އިންކްލޫސިވް” ސިޓީއަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. އަދި ސީޓިއަށް ބޭނުންވާ އާއްމު ޚިދުމަތްތަކާއި، ވަޒީފާގެ ފުރުޞަތުތައްވެސް ފަހިކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.