ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމިއްޔަތުގެ ނާރެސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމަށެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި، މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބުސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެކަމަށެވެ.
މީގެ އިތުރުން ވެސް ދީނުގައި ވަޢުދު ފުއްދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ސަރުކާރުގެ ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެކަމަށް ވަޢުދުވި ކަންކަން އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއެކީ ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވީ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަމަށެވެ. މިގޮތުން އިންސާނީ ބިނާކުރުމުގައި ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެކަމަށާއި އެކަމާ ގުޅޭ ޚާއްޞަ މަޝްރޫޢު ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު ކުރިޔަށްގެންދަވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ހަފުތާ 14 ތެރޭގައި ހިމަނުއްވައިގެން ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި، ޤައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެކަމަށާއި، ހަމަ އެހެންމެ މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ޤައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.