English Edition
Dhivehi Edition
ލޭގެ މޭޔަރަށް ވާދަކުރައްވާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ނަންބަރާއެކު ފޮޓޯ: ޕީއެސްއެމް

އަންނަ މަހު ބާއްވާ މާލެ ސިޓީގެ ބައި-އިލެކްޝަންގެ ކެމްޕޭނު ކުރާއިރު އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ ހައްގަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރަން އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ މޭޔަރުގު މަގާމައި، ތިން ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނުކޮށް ކެންޑިޑޭޓު ނަންބަރު މިއަދު ތަރުތީބުކޮށްފައިވާއިރު، މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ މި އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ.

މި ގޮތުން ހަބީބު ވިދާޅުވީ ކެމްޕޭނުތަކުގެ ތެރޭގައި ކެންޑިޑޭޓުންނާ އަދި އެ ކެންޑިޑޭޓަކަށް ތާއިދުކުރާ ފަރާތްތަކުން، އަނެއް ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ ކަންކަން ކުރަމުންދާ މަންޒަރު އިންތިހާބުތަކުގައި ފެނިފައިވާކަމަށެވެ. މާލެ ސިޓީއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ޒިންމާދާރު މަގަމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ އެ ޒިންމާތަކާއެކު ކުރެއްވި މަސައްކަތްތަކާ އެއްގޮތައް، މި އިންތިހާބުގައި ވާދަކުރައްވާ ޒުވާން ކެންޑިޑޭޓުންނަށް ނަމޫނާ ދެއްކުމަށް އެދޭކަމަށެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވާއިރު ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކުރޫ ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައެވެ. މިހާރުވެސް މާލެ ސިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހު އިންތިހާބުގައި ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ސީޕީ ހުސައިން ވަހީދު އަދި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.