English Edition
Dhivehi Edition

ސައުތު އޭޝިއާ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިން އެވޯޑްސް ފޯ ޖެންޑަރ ސެންސިޓިވިޓީ (ސަލްމާގްސް) 2023 ދިވެހިރާއްޖޭގެ ދެ ނޫސްވެރިއަކަށް ލިބިއްޖެއެވެ.

ސަލްމާގްސް އަކީ ޖިންސާމެދު ޢާންމުން ދެކޭ ގޮތް ބައްޓަންކޮށް އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާއިން އަދާކުރާ ރޯލު ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދޭ ތިންވަނަ ފަހަރު ކަމަށްވާއިރު، ފާއިތުވި ދެ އަހަރު މި އެވޯޑު ދީފައިވަނީ އިންޑިއާގެ ނޫސްވެރިންނަށެވެ. ނަމަވެސް މިފަހަރު މި އެވޯޑުގައި އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ޤައުމުތައް ކަމަށްވާ ޕާކިސްތާނާއި، އަފްޣާނިސްތާނާއި، ސްރީލަންކާއާއި، ނޭޕަލް އަދި ބަންގްލަދޭޝްގެ އިތުރުން ދިވެހިރާއްޖޭގެ މީޑިއާތައް ހިމެނިފައިވެއެވެ.

އިންޑިއާގެ މުމްބާއީގައި ރޭ ބޭއްވި ޚާއްޞަ ޙަފުލާގައި އިންޑިއާ ފިޔަވައި އެހެނިހެން ކޮންމެ ޤައުމަކުންވެސް ދެ ފަރާތަކަށް އެވޯޑު ދީފައިވާއިރު، ރާއްޖެއިން މި އެވޯޑު ހާސިލުކޮށްފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ، ޢާއިޝަތު ނުޒުހާ އަދި ދަ ޕްރެސްގެ ނޫސްވެރިޔާ، އާމިނަތު ޚާލިސާއެވެ. ޚާލިސާ އަކީ މީގެ ކުރިން އޭއޯ ނިއުސްގައި މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ.

ދެކުނު އޭޝިއާގެ ބައިން މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ ސައުތު އޭޝިއަން ވިމެން އިން މީޑިއާގެ ޖޫރީ ޕެނަލަކުންނެވެ. މި ޓީމްގައި ދިވެހިރާއްޖެ ތަމްސީލްކޮށްދެއްވީ އޭއޯ ނިއުސްގެ ސީ.އީ.އޯ، ޝިމްލާ އަޙުމަދެވެ.

މި އެވޯޑުތަކަކީ ބައިނަލްއަޤުވާމީ މީޑިއާގައި ޖެންޑަރ ސެންސިޓިވިޓީ ކުރިއެރުވުމަށް ފާއިތުވި 20 އަހަރު މަސައްކަތްކޮށްފައިވާ މުމްބާއިގެ އިޖުތިމާޢީ ޖަމުޢިއްޔާއެއް ކަމަށްވާ ޕޮޕިއުލޭޝަން ފަސްޓުން އިސްނަގައިގެން ދޭ އެވޯޑުތަކެކެވެ. ފާއިތުވި އަހަރުތަކުގައިވެސް ޔޫ.އެން.އެފް.ޕީ.އޭގެ އެހީތެރިކަން ލިބިފައިވާ މި އެވޯޑުތަކަށް މި އަހަރުވެސް އެ ޖަމުޢިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޕޮޕިއުލޭޝަން ފަސްޓްގެ މި އެވޯޑުތަކަށް މި އަހަރު އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރޭގައި އޭޝިއަން ފެޑެރޭޝަން އޮފް އެޑްވަޓައިޒިންގ އެސޯސިއޭޝަންސް އާއި ސައުތު އޭޝިއަން ވިމެން އިން މީޑިއާ ހިމެނެއެވެ.

“މި އެވޯޑުތަކުގެ މަޤްޞަދަކީ އިންޑިއާގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 15 ފަރާތަކާއި، ދެކުނު އޭޝިއާގެ ޕާކިސްތާން، އަފްޣާނިސްތާން، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް އަދި ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ 11 ނޫސްވެރިންނަށް ޝަރަފުވެރިކަންދީ، އެ ފަރާތްތަކުގެ އަގުވަޒަންކުރުން. އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މުހިންމު ހިއްސާއެއް އަދަބާއި، އިޝްތިހާރުތަކާއި، ފިލްމްތަކުގެ އިތުރުން އޯޓީޓީ ޕްލެޓްފޯމްތަކުގައި ހިމެނޭކަން ފާހަގަކުރުމަކީވެސް މި އެވޯޑުތަކުގެ މަޤްޞަދެއް”، ޕޮޕިއުލޭޝަން ފަސްޓްގެ ސީ.އީ.އޯ، ޑރ. އޭ އެލް ޝަރަދާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ފަރާތްތަކުން މަސައްކަތްކުރާ ދާއިރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އަންހެނުންނަށްވެސް ސަލްމާގްސްއިން އަލިއަޅުވާލާފައިވެއެވެ. މިގޮތުން ވިމްލާ ޕާޓިލް، އަރޫނާ ރާޖޭ ޕާޓިލް އަދި ކޮންކަނާ ސެން ޝަރުމާ ފަދަ ތަރިންގެ ފާހަގަކޮށްލެވޭ ޚިދުމަތްތައް ފާހަގަކޮށް އެ ފަރާތްތަކުގެ ޝަރަފުގައި ‘ލާޑްލީ އޮފް ދަ ސެންޗަރީ’ އާއި ‘ލައިފްޓައިމް އެޗީވްމަންޓް އެވޯޑު’ އަދި ‘ވިމެން ބިހައިންޑް ދަ ސީން’ ފަދަ ޚާއްޞަ އެވޯޑުތައް ވަނީ ދީފައެވެ.

މިއަހަރުގެ އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން މަޢުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމަށާއި، ޚިޔާލު ބަދަލުކުރުމަށާއި، މީޑިއާ އެތިކްސްއާއި ހޭލުންތެރިކަން ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަމާއި އިންސާފަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ފޯރަމެއް ކަމަށްވާ ނެޓްވޯކް އޮފް ވިމެން އިން މީޑިއާ، އިންޑިއާ (އެންޑަބްލިއުއެމްއައި) އާއި، އަންހެން ފަންނާނުންނަށް ހަމަހަމަ އަދި ރަނގަޅު މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުމަށް މަސައްކަތްކުރާ ވިމެން އިން ސިނެމާ ކަލެކްޓިވްގެ އިތުރުން ސީރީސްއެއް ކަމަށްވާ ސްވީޓް ކާރަމް ކޮފީ އަދި ފީޗަރ ފިލްމް، ސިރްފް އޭކް ބަންދް ކާފީ ހޭ ހިމެނެއެވެ.

މި އެވޯޑުތައް ދިނުމުގެ ޙަފުލާ ހުށަހަޅުއްވައިދެއްވީ ފިލްމީ ތަރި، ރާސިކާ ދުގަލެވެ. އޭނާއާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޔޫ.އެން.އެފް.ޕީ.އޭ އިންޑިއާގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް އަދި ބޫޓާންގެ ކަންޓްރީ ޑިރެކްޓަރު މިސް އެންޑްރިއާ ވޮޖްނާ އެވެ.

“ތަފާތުކުރުމުގެ އިޖުތިމާޢީ އުޞޫލުތަކާއި، ޖެންޑަރ އައިޑެންޓިޓީތަކާއި ރޯލްތައް އަދި ސްޓިރިއޯޓައިޕްތަކަށް އެޑްރެސްކުރުމުގައި މީޑިއާ އަދާކުރަނީ ވަރަށް ނާޒުކު ރޯލެއް. އަންހެނުންނާއި އަންހެން ކުދިންނަށް ޤަދަރާއި އިޙުތިރާމް ލިބޭނެފަދަ މާހައުލެއް ޤާއިމްކުރުމަށް މީޑިއާތަކާ ގުޅިގެން ޕޮޕިއުލޭޝަން ފަސްޓް އިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ޔޫ.އެން.އެފް.ޕީ.އޭ އަށް ލިބޭ ފަޚުރެއް”، މިސް އެންޑްރިއާ ވޮޖްނާ ވިދާޅުވިއެވެ.

މި ޙަފުލާ ފެށިގެންދިޔައީ ސަންސްކްރިތާ ފައުންޑޭޝަންގެ ކުދިންގެ ހުށަހެޅުމަކުންނެވެ. އަދި، ބީ ސްޕޮޓް ޕްރޮޑަކްޝަންގެ ލަވާނީވެސް ވަނީ މި ޙަފުލާގައި ޕާފޯމްކޮށްފައެވެ.