English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤުވާމީ އެއާލައިންތައް ގެނައުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ އެއާލައިންތަކާއި، ރިސޯޓުތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ފަތުރުވެރިކަމާގުޅޭ ބައެއް ޖަމިއްޔާތަކާއެކު އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤުވާމީ އެއާލައިންތައް ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މިހާރު ބަންދުކުރެވިފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މައުސޫމް ވަނީ އައްޑޫގައި ޓޫރިސްޓް އެނދުތައް އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅު ހިމެނޭ ގޮތަށް ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ވާހަކަދައްކާފައިވާއިރު، މި ތިން އަތޮޅުގައި ހިމެނޭ ސާރފިންގ ޕޮއިންޓާއި ޑައިވް ޕޮއިންޓްފަދަ ޚާއްޞަ މަންޒިލްތަކާއި، ތިން އަތޮޅުގެ ޤުދުރަތީ ރީތިކަން އިޝްތިހާރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމާއި، އައްޑޫ ސިޓީގެ މޭޔަރާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ އެއާލައިންތަކާއި، ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަނާއި، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި، ދެކުނުގެ ރިސޯޓުތައް އަދި ޓުއަރ އޮޕަރޭޓަރުންވަނީ ބައިވެރިވެފައެވެ.