ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ، މި އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކްކުރުމަށްފަހު، އިމިގްރޭޝަން ޤާނޫނާ ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި، ގަވައިދުގެ ތެރެއަށް ބިދޭސީން ފެއްތުމުގެ އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މި ޚާއްސަ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތްކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބައްޓަންކުރުން ކަމަށެވެ. އަދި މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި ރައްޔިތުންނާއި އަދި މިކަމާ ގުޅުންހުރި އެންމެހާ ފަރާތްތައް ޝާމިލުކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.
އެހެންކަމުން މި ޚާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ޤާނޫނު ތަންފީޛުކުރަމުންދާނެކަމަށް ވެސް އިމިގްރޭޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.
Announcement:
Immigration document checks and Inspections to identify undocumented migrants.Read more: https://t.co/uOB13skhS0 pic.twitter.com/0rwy1EMU06
— Maldives Immigration (@ImmigrationMV) December 7, 2023
ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް، ކުރީ ސަރުކާރުތަކުން ވެސް ހައްލުކުރަން މަސައްކަތްކޮށް ހައްލު ނުވެފައިވާ މައްސަލައެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީންނެވެ މީގެ ތެރެއިން 65،000 އަށްވުރެ ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންކަން ފާހަގަ ކުރެވިފައިވެއެވެ.