English Edition
Dhivehi Edition
ޕީޕީއެމް-ޕީއެންސީ ސެނެޓް ބައްދަލުވުން/ފޮޓޯ ޕީއެންސީ

ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލައި މި ޑިސެންބަރ މަހުގެ 23 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ޕީޕީއެމް ޕީއެންސީން ނިންމައިފިއެވެ.

ރޭ ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓްގެ 6 ވަނަ ބައްދަލުވުމުގައި ނިންމި ކަންތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ޑިސެންބަރ 7 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި ޕްރައިމަރީ ބާއްވަން ސެނެޓުން ނިންމީ މިމަހު 23 ވަނަ ދުވަހުގައި ކަމަށެވެ.

“2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު މިއޮތީ ހުޅުވާލެވިފައި، އަޅުގަނޑުމެންގެކޯލިޝަނުގެ ޓިކެޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ހުޅުވާލެވޭ ޕްރައިމަރީ ނުވަތަ ކުރިމަތިލުމުގެ ފުރުސަތު މި ހުޅުވާލަނީ މާދަމާ. ޕްރައިމަރީ މި ބާއްވަނީ މިމަހުގެ 23 ވަނަ ދުވަހު.” އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެވޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގައި ތިއްބެވި ބޭފުޅުންނަށް ކަމަށާއި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމާއި ގުޅޭ އުސޫލެއް މިރޭ ބޭއްވުނު ސެނެޓު ބައްދަލުވުމުގައި ފާސްކުރެވުނު ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެ ކޯލިޝަނުން ވެރިކަން ކުރަނީ ރައްޔިތުންނާއި ގާތުން ކަމަށާއި ރައީސް މުއިއްޒު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުންދާ މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއި ގުޅުނު އެމްޑީއޭ އަދި އެމްއެންޕީއާއި އެކު އޭރު އެއްބަސްވުންތަކަކަށް އައިނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މިސަރުކާރު ދެމެހެއްޓުމަށް، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމުކަމަށެވެ.މިވަގުތު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލްކުރައްވާ ތިބީ 4 މެންބަރުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް މީގެ ކުރިން ހުންނެވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން ރޭވަނީ އެ ކޯލިޝަންގެ ލީޑަރަކަށް، ރައީސް، މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައެވެ. ޕީޕީއެމްގައި މިވަގުތު އާއްމު މެންބަރުންގެ އަދަދު 38000އިން މައްޗަށް އަރައެވެ. ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3159 މެންބަރުންނެވެ. ޕީއެންސީއަށް ގުޅުމަށް އިތުރު 10000 އަށްވުރެ ގިނަ ފޯމު، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.