English Edition
Dhivehi Edition

އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލިހުގެ އެ ގޮނޑިތައް އެޕާޓީން ނަގާނީ ރައްޔިތުންގެ ތާއީދާއި އެކުގައި ކަމަށެވެ. އަދި އެހިސާބަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްވަމުންދާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕްރައިމަރީގައި 73 ދާއިރާއަކުން 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ކޯލިޝަނުންވަނީ އިއްޔެ ބުނެފައެވެ.

ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އެ ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު ވެސް ތިއްބެވި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް އިޚުތިރާމު ކުރެއްވުމުގެ ގޮތުން އެ ތިން ބޭފުޅުން ވާދަކުރައްވައި ދާއިރާއަށް ކެންޑިޑޭޓުން ނުނެރޭން ނިންމައިފައެވެ. ހަމަ އެއާއެކު އެންމެ ކެންޑިޑޭޓަކު ވާދަކުރުމުގެ ސަބަބުން 13 ބޭފުޅަކަށް ޕީއެންސީގެ ޓިކެޓު ވަނީ ޕްރައިމަރީއަކައިނުލާ ކަށަވަރުވެފައެވެ.