މި ސަރުކާރުގެ ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގާގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި، މި ސަރުކާރުގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސްގެ އެންމެ ފުރަތަމަ ތަގުރީރުގައި ވެސް ގައުމީ ދިދައަށް ދެއްވާނެ ގަދަރާއި ޝަރަފު ބަޔާންކޮށްދެއްވައިފައިވާ ކަމަށާއި އެ ތަޤުރީރުގައި ފާހަގަކުރެއްވި އެންމެ މުހިންމު ނުކުތާއަކީ ދިވެހި ޤައުމީ ދިދަޔަށް އޮތް ޤަދަރު އިއާދަކޮށްދެއްވުމުގެ ވާހަކަ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވިސްނުންފުޅަކީ ދައުލަތެއްގެ ގޮތުގައި ރާއްޖެ ރަމްޒުކޮށްދޭ އެންމެ ވަރުގަދަ ނިޝާނަކީ ދިވެހި ދިދަ އަށް ހެދުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ވަޒީރުންގެ ގެކޮޅުގައި އާއި ވަޒީރުންގެ ކާރުކޮޅުގައި ތިއްބަވާ ވަގުތުގައި ދިދަ ނަގާފައި ހުންނާނެ ކަމަށާއި އެކަމުގެ ބޭނުމަކީ ދިވެހި މުޖުތަމައުގައި ދިވެހި ދިދަ ބޭނުން ކުރާ މިންވަރު އިތުރުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ދިވެހި ދިދައަށް އޮންނަ ޝަރަފާއި ކަރާމާތް އިތުރުކުރުމާއި ދިވެހިވަންތަކަމާއި އަމިއްލަވަންތަކަމާ މެދު ފަޚުރުވެރި ޖީލެއް ބިނާކުރުމަކީ ވެސް އެކަމުގެ މަޤްސަދެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގައި 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބަހައްޓަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މިއީ ރައީސްކަމާއި ހަވާލުވެވަޑައިގެން މުއިއްޒު ނިންމެވި ފުރަތަމަ ނިންމެވުމެވެ.
ހުވާކުރެއްވުމަށްފަހު ރައީސް ދެއްވި އެންމެ ފުރަތަމަ ތަގުރީރުގައި އެ މަނިކުފާނުވަނީ ދިވެހި ދިދައަށް ނިސްބަތްކުރައްވާ ގައުމިއްޔަތާއި ގުޅުންހުރި އަސަރުގަދަ ވާހަކަފުޅުތަކެއް ވިދާޅުވެފައެވެ. އެގޮތުން އެ ދިދަ ރަމްޒުކޮށްދެނީ ގައުމީ އަބްޠާލުންނާއި، ގައުމު ބިނާކުރި ކާބަފައިންގެ ހިތްވަރާއި ފަންވަރުކަމަށް ވިދާޅުވެފައިވެއެވެ.
އައު ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ތެރޭގައި ޤައުމިއްޔަތު ދިރުވައި އާލާކުރުން ހިމެނެއެވެ. އެ ކަމަަށްޓަކައި ޚާއްސަ މިނިސްޓްރީއެއް ވެސް މިހާރު ވަނީ އުފައްދައިފައެވެ.
ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖެއްސެވުމާގުޅިގެން މުވައްސަސާތަކުން ޢަމަލްކުރަންވީ ގޮތަށް ގެނެވުނު ބަދަލުތައް:
1. ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެއެވެ.
2. ބޭނުން ނުކުރެވޭވަރަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިވެހި ޤައުމީ ދިދައެއް ސަރުކާރުގެ މުއައްސަސާއަކުން ނައްތައިލަންވާނީ، ދިދައިގެ ޙުރުމަތް ނުކެނޑޭ ގޮތަށެވެ.
3. ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވާނީ، އަންނަނިވި މިންތަކުގެ ތެރެއިން، އެ ތަނަކަށް ނުވަތަ އެ ކަމަކަށް އެންމެ އެކަށީގެންވާ ބޮޑު މިނެއްގައި ހަދައިފައި ހުންނަ ދިވެހި ޤައުމީ ދިދައެވެ.
(ހ)270 ސެންޓިމީޓަރު ދިގު، 180 ސެންޓިމީޓަރު ފުޅާ
(ށ)180 ސެންޓިމީޓަރު ދިގު، 120 ސެންޓިމީޓަރު ފުޅާ
(ނ)135 ސެންޓިމީޓަރު ދިގު، 90 ސެންޓިމީޓަރު ފުޅާ
(ރ)60 ސެންޓިމީޓަރު ދިގު، 40 ސެންޓިމީޓަރު ފުޅާ
(ބ)45 ސެންޓިމީޓަރު ދިގު، 30 ސެންޓިމީޓަރު ފުޅާ
(ޅ)36 ސެންޓިމީޓަރު ދިގު، 24 ސެންޓިމީޓަރު ފުޅާ
(ކ)30 ސެންޓިމީޓަރު ދިގު، 20 ސެންޓިމީޓަރު ފުޅާ
(އ)24 ސެންޓިމީޓަރު ދިގު 16 ސެންޓިމީޓަރު ފުޅާ
4. ސަރުކާރުގެ މުއައްސަސާތަކުން ބޭނުންކުރާ ދިވެހި ޤައުމީ ދިދައިގެ މިންތަކާއި، ކުލަކޯޑާއި، ހަނދުފަޅި ހުންނަންވާނީ، ޤާނޫނުއަސާސީގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
5. ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާނެއެވެ.
6. ސަރުކާރުގެ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ، އެއް އިމާރާތެއްގައި ހުންނަ ނަމަ، އެ އިމާރާތެއްގައި ނަގާނީ އެއް ދިދައެވެ.
7. ދިވެހި ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެއެވެ.
8. އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ޤައުމީ ދިދަ ނެގިދާނެއެވެ. ނަމަވެސް، ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ޤައުމެއްގެ ޤައުމީ ދިދަ ނެގޭނީ، އެ ޤައުމަކީ މިނިވަން ޤައުމެއް ކަމަށްވާނަމައެވެ.
9. ދިވެހި ޤައުމީ ދިދަ، އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ދިވެހި ޤައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންވާނީ، އެންމެ މަތީގައެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް، ދިވެހި ޤައުމީ ދިދަ ނަގާނަމަ، އެންމެ ކުރިން ނަގަންވާނީ، ދިވެހި ޤައުމީ ދިދައެވެ. ނުވަތަ ދިވެހި ޤައުމީ ދިދަ ހިމެނިގެންވާ ދިދަ ފައްޗެވެ.
10. ދައުލަތުގެ މުއައްސަސާއެއްގެ ނުވަތަ އެހެން ޤައުމެއްގެ ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ދިދައާއެކު ދިވެހި ޤައުމީ ދިދަ ނަގާ ތަންތާނގައި، ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށެވެ.
11. ޤައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެއެވެ. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުންނެވެ.
12. ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ނަގަންވެއްޖެނަމަ، ދިދަ ނަގާނީ، އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިޔަށް ދިދަ ނެގުމަށްފަހުގައެވެ. އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީ ވެސް، ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށްފަހުގައެވެ.
13. ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ދިވެހި ޤައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާނަމަ، އެ ދިދައެއް ނުވަތަ އެ ދިދަތަކެއް ވެސް ބަހައްޓަންވާނީ، ބައިދަނޑިއަށް ތިރިކޮށްފައެވެ.
14. ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ދުވަސް ނިންމާނީ، ރޭގަނޑު 12:00 އަށެވެ.
15. ބައިނަލްއަޤްވާމީ އުސޫލުތަކެއްގެ މަތީން ދިދަ ނަގަންޖެހޭ ތަންތާނގައްޔާއި އެއްޗެތީގައި، އެ އުސޫލުތަކާ އެއްގޮތަށް ދިވެހި ޤައުމީ ދިދަ ނެގިދާނެއެވެ.
16. ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކާއި، ރެލީތަކާއި، ހިނގައިލުންތަކުގައި، ދިވެހި ޤައުމީ ދިދަ ބޭނުން ކުރެވިދާނެއެވެ. އަދި، ކަނޑުމަތީގެ އުޅަނދުތަކުގައި ނުވަތަ އެއްގަމު އުޅަނދުތަކުގައި ނުވަތަ ވައިގެ އުޅަނދުތަކުގައި ޤައުމީ ނިޝާނެއްގެ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެއެވެ.
17. މޭޒުމަތީގައި ބަހައްޓާ ގޮތަށް ދިވެހި ޤައުމީ ދިދަ ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެއެވެ. އަދި ޤައުމީ ދިދަ ހިމެނޭ ގޮތަށް ބެޖް، ސްޓިކަރ، ލޯގޯ، ކަފްލިންކް ފަދަ ތަކެތި ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެއެވެ.
18. ކަރުދާހުގައި ނުވަތަ ފޮތީގައި ޗާޕުކޮށްގެންނާއި، މަޢުދަނަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިގެން ސަރުކާރުގެ ތަންތަނުގައި ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެއެވެ.