English Edition
Dhivehi Edition
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް އާއި ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ އަންކާރާގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު، ތުރުކީވިލާތުގެ މިނިސްޓަރއާ ޙިއްޞާކުރެއްވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ނިންމެވުމާއި، ވައިގެ އުދުހުންތައް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެ ޤައުމުގެ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާ ތުރުކީވިލާތާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މެއި 1979ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.