English Edition
Dhivehi Edition
ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސް ރައީސް އާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޙަމަލާތަކާ ގުޅިގެން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސް ތައުރީފުކުރައްވައިފިއެވެ.

ރޭ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން ދަނޑުވެރިކަމާއި، ހައި ޓެކްނޮލޮޖީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ރައީސް ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޙަމަލާތަކާ ގުޅިގެން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ތަޢުރީފުކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އ.ދ. ގައި ރާއްޖެއިން ތާއީދުކުރުމުން އެކަމަށް ތަޢުރީފް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގައި ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ގާތް ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.