English Edition
Dhivehi Edition

ރަމަاللهގެ ހުޅަނގުން އޮންނަ ބެއިޓޫނިއާ ޓައުންގައި ގާއިމްކޮށްފައިވާ އިސްރާއީލުގެ “އޮފަރު” އަސްކަރީ ޖަލުގައި ތިބި ފަލަސްތީނުގެ 3 އަންހެނުންނާއި 30 ކުޑަކުދިން ހިމެނޭ ގޮތަށް 33 މީހުން މިިވަންކޮށްފި އެވެ.

ހަމާސް އާއި އިސްރާއީލާއި ދެމެދު ވެވިފައިވާ އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 33 މީހަކު މިނިވަން ކުރިއިރު، މި މީމުހުންނާއި ހަވާލުވެފައިވަނީ ރެޑްކްރޮސްގެ ބައިނަލްއަގްވާމީ ކޮމިޓީގެ މެމްބަރުންނެވެ. އަދި މި 33 މީހުން އުފުލާފައިވަނީ ރެޑްކްރޮސްގެ ވެހިކަލްތަކުގައެވެ.

އިސްރާއީލުން މިނިވަން ކުރި ފަލަސްތީނުގެ 33 މީހުން ރިސީވްކުރިއިރު، އެތަނަށް ފަލަސްތީނުގެ އެތައްހާސް ބަޔަކު ވަނީ އެއްވެ އުފާފާޅުކޮށް އަޑުއުފުލާފައެވެ. އެގޮތުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެންމެންވެސް ވަގުތުން މިނިވަންކުރުމަށް އެތަނަށް އެއްވެތިބި މީހުން ގޮވާލާފައިވެއެވެ.

އިސްރާއީލުން އެމީހުން ހިފާފައިވާ ބިންތަކުގައި ހުންނަ ޖަލުތަކުން ފަލަސްތީނުގެ އަސީރުން ދޫކޮށްލި ނަމަވެސް، އެކަމާއި އުފާފާޅުކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އިސްރާއީލުން ދަނީ ތަކުރާރުކޮށް އިންޒާރުދެމުންނެވެ.

ޕްރިޒަނަރސް އެންޑް އެކްސް ޕްރިޒަނަރސް އެފެއާޒް އޮތޯރިޓީއާއި ޕްރިޒަނަރސް ކްލަބުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެފަރާތުން ވެވިފައިވާ އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމުގެ ދަށުން ރޭ ދޫކޮށްލި 33 މީހުންގެ ނަންތަކުގެ ލިސްޓެއް ވެސް ނެރެ އާންމުކޮށްފައިވާ ކަމަށެވެ.