ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމަށް ލުއި ދިނުމަށް އެކުލަވާލާފައިވާ ގަރާރާ ހިލާފަށް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވި މައްސަލަ މޯލްޑިވްސް ކަރެކްޝަނަލްސް ސާވިސްއިން ބަލަން ފަށައިފިއެވެ.
ޕީއެންއެފް އަށް މެންބަރުން ހޯދުމަށް އެ ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް ހ. ހުރަފާގޭގައި ރޭ ކުރިއަށް ގެންގޮސްފައިވާއިރު އެ ވަގުތު ރައީސް ޔާމީން ވަނީ އެ އޮފީހަށް ވަޑައިގަންނަވާފައެވެ. އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަން ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނެ ކަމަށެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރި ފަހުން މީގެކުރިންވެސް އެމަނިކުފާނު ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާ ބާއްވައި އެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އަދި އެ މައްސަލަ ކަރެކްޝަނަލްސް ސާވިސްގެ ސަމާލުކަމަށް އައުމުން އެ ފަހަރުވެސް ވަނީ އެ މައްސަލަ ބެލުމަށް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިނުގަތުމަށް ރައީސް ޔާމީނަށް ނަސޭހަތްދެއްވާފައެވެ.
ރައީސް ޔާމިން ބޭސް ފަރުވާ ކުރުމާށާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކެއް އެދިވަޑައިގެންފައިވާތީ ކަރެކްޝަންސްގެގެ ފަރާތުން އެ ފުރުސަތު ދީފައިވީ ނަމަވެސް ސިޔާސީ ކަންކަމުގައި ބައިވެރިވެ އެފަދަ ޖަލްސާތައް ނުބޭއްވުމާ އަދި ވާހަކަ ދެއްކުން ވަނީ މަނާކޮށްފައެވެ.