English Edition
Dhivehi Edition
ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ނިޝާން ޢަލީ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 19 ކެންޑިޑޭޓަކު ފޯމު ހުށަހަޅުއްވާނެކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ދެއކި ވާހަކައިގައި މަލީހް ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާ އެކު މިފަހަރުގެ މަޖިލިސް އިންތިހާބާގައި 40 ބޭފުޅަކު ވާދަ ކުރައްވާނެ ކަމަށާއި އެ ކެންޑިޑޭޓުންނަކީ ކޮބައިކަން ކުރިއަށް އޮތްތަނުގައި ހާމަކުރައްވާނެކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރުން ފަސްވެފައި އޮތުމުން ޕީއެންއެފްގެ ލޯގޯ މި އިންތިހާބުގައި ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުން ނުފެންނާނެކަމަށެވެ. އެހެންނަމަވެސް ޔާމީންގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފް ތަމްސީލުކުރާ ދަނބުކުލަ ހުންނާނެކަމަށް މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތާއީދާ އެކުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން 15 ކެންޑިޑޭޓުން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅުއްވައިފައެވެ. ބާކީ ތިއްބެވި ކެންޑިޑޭޓުން ވެސް މިއަދު ފޯމް ހުށަހެޅުއްވާނެކަމަށް މަލީހް ވިދާޅުވެފައިވާއިރު އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު 14:00 ގައި ހަމަވާނެއެވެ.