English Edition
Dhivehi Edition
ސިނަމާލެ ބްރިޖް ސަރަޙައްދު/ފޮޓޯ އިންޓަނެޓް

މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިޖީއެމް އެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ މިރޭ 7:50 ހާއިރު ބޭރުމަގު އޮކްސިޖަން ރެސްޓޯރެންޓް ކުރިމަތީގައެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން ދުވަސްވީ ފިރިހެނަކަށެވެ. މީހާއަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަށް އެހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދާ ކަމަށެވެ. އެނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި އެ އެކްސިޑެންޓާއެކު އެމީހާ ހޭނެތުނެވެ.

އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސައިކަލަކުން، އުމުރުން ދުވަސްވީ މީހާ ދުއްވަން އިން ސައިކަލުގައި ޖެހިގެންނެވެ.

މިއަދު ހަވީރު ހުޅުލެއާއި ހުޅުމާލެ ގުޅައިލަދޭ ހައިވޭގައި ވެސް އިތުރު އެކްސިޑެންޓެއް ހިނގައިފައިވެއެވެ. ހަތަރު ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން ގިނަ ކާރުތަކެއް ކިޔޫގައި ޖެހި ހައިވޭގެ ޓްރެފިކް ވެސް ދެ ގަޑިއިރެއްހާއިރަށް ބްލޮކް ވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖް ހައިވޭގެ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކްސިޑެންޓުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް މިހާރު ވަނީ ހައްލުވެފައެވެ. އެކްސިޑެންޓުގެ ސަބަބުން ޓްރެފިކް ބްލޮކްވެފައި ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން އޮތެވެ.

މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެެއެވެ. ނަމަވެސް، އޭނާއާ ބެހޭ މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.