English Edition
Dhivehi Edition
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި ރައީސް މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު އައްޔަނުކުރައްވައިފިއެވެ.

އަހްމަދު އުޝާމް މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަހްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ގާނޫނު ނަންބަރު 10/2008 ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އަހްމަދު އުޝާމް، ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަހްމަދު އުޝާމްއަށް ޙަވާލުކޮށް ދެއްވާފައެވެ. އަހްމަދު އުޝާމް، ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

1 ކޮމެންޓް
އަޙްމަދު
ނޮވެމްބަރު 27, 2023
ތިޔޮތީ ޤައުމު ހިންގިފަ ސިކުނޑީގެ މައްސަލައެއް ހުންނައް މީހެއްކަން ރައީސް އަށް ޢެނގިވަޑައެއް ނުގަންނަވާތީ އޭޖީ އަކައް މިކަހަލަ މީހެއް ނެގުނީ.