English Edition
Dhivehi Edition
ކެރެލާ ސްޓޭޓްގައި ބަޔަކު މަސައްކަތެއްގައި/ފޮޓޯ ސޯޝަލްމީޑިއާ

އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓް ގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ “ބްރެއިން އީޓިން އެމީބާ އިންފެކްޝަން” ފެތުރެމުންދާތީ އެކަމަށް ސަމާލުވާން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ގޮސްއުޅޭ ކެރެލާ ސްޓޭޓުގައި ފެތުރެމުންދާ ބައްޔާމެދު ސަމާލުވާން ކެރެލާގެ ސިއްހީ ވުޒާރާއިން އެދިފައިވާކަމަށް، އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އަންގާރަ ދުވަހު އާއްމުކުރި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ބްރެއިން-އީޓިން އެމީބާ އިންފެކްޝަނަކީ ނޭފަތުން ނުވަތަ ކަންފަތުން ހަށިގަނޑުގެ ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނުދިއުމަށާއި އަދި ސްވިމިން ޕޫލަށް އެރޭނަމަ ކަންފަތާ ނޭފަތަށް ފެންނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭވަލް ކްލިޕް ބޭނުންކުރަން ސިއްހީ މާހިރުން ވަނީ ލަފާދީފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން ބޮލުގައި ރިއްސުން އަދި ހޮޑުލުން ހިމެނެ އެވެ. މީގެ އިތުރުން ކަނދުރާއަށް ނާރު އެރުން، ވާނުވާ ނޭގުން އަދި ފިޓް ޖެހުމަކީވެސް ބަލީގެ އަލާމާތެކެވެ. އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.

އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުންނަމަ ހުސްވި ހަފްތާގެ ބުދަ ދުވަހާ ހަމަޔަށް އެ ބަލީގެ ފަސް ކޭހެއް ކެރެލާއިން ރިޕޯޓްކޮށްފައިވެ އެވެ. މި ބަލި ޖެހިގެން މުޅިންހެންވެސް ރިޕޯޓްކޮށްފައިވަނީ 14 އަހަރުން ދަށުގެކުޑަ ކުދިންނެވެ. މިބަލީގައި މިހާތަނަށް ތިން ކުއްޖަކު މަރުވިކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.