English Edition
Dhivehi Edition

އިސްރާއީލުގެ ޔަހޫދީ ލަސްކަރުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް ވަދެގަނެ އެ ހޮސްޕިޓަލް ހިސޯރުކުރީ ރޭ ދަންވަރުގައެވެ. ޝިފާ ހޮސްޕިޓަލް މިހާރު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ޔަހޫދީން އެ ހޮސްޕިޓަލަށް ވަދެގަނެ ބަޑިން ހަމަލާތައް ދެމުން ގެންދިޔަ އިރު، އެތަނުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެސް ވެފައެވެ.

ޔަހޫދީ ލަސްކަރުން ޝިފާ ހޮސްޕިޓަލަށް ވަދެގަތީ އެތަނުގައި ހަމާސް މުޖާހިދުން ބިންގަރާސް ހަދައިގެން ތިބިކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލު އަސްކަރިއްޔާއިން ހޮސްޕިޓަލަށް ވަދެ މުޅި ތަން ބަލައި ސުންނާފަތި ކުރި އިރުވެސް ހަމާސްގެ އެއްވެސް ހަނގުރާމަވެރިއަކު ވެސް އަދި އެމީހުން ގެންގުޅުނު އެއްޗެއް ވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި އެ ބުނާ ބިންގަރާހެއްވެސް ފެނިފައެއް ނުވެއެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެ ޔަހޫދީ އަސްކަރިއްޔާއިން ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާއިރު، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީން ވަނީ އެ ހޮސްޕިޓަލުގައި ހުންނަ ބޭސް ގުދަނަށް ވެސް ހަމަލާތައް ދީ އެ ތަން ގޮއްވާލާފައެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ އިމަޖެންސީ ފަރުވާދޭ ރޫމުތަކަށް ވަދެ އެތަނުގައި ތިބި ބަލި މީހުންނަށް ބަޑިން ބިރުދައްކާ ކަންކަމަށް މަޖުބޫރުކުރުވަމުން ދިޔަކަމަށް އެތަނުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ވަނީ މައުލޫމާތު ދީފައެވެ.

އަލް ޖަޒީރާގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި ޔަހޫދީ ސިފައިން ދަނީ ޝިފާ ހޮސްޕިޓަލުގައި ތިބި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކަށް ބަޑިން ބިރުދައްކާ އަމިއްލައަށް ބަރަހަނާވުމަށް މަޖުބޫރުކުރަމުންނެވެ. އެގޮތުން މިހާތަނަށް އެތަކެއް ބަޔަކު ބަރަހަނާ ކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ބަރަހަނާ ކުރި މީހުންގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންވެސް ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޔަހޫދީ ލަސްކަރުން ޝިފާ ހޮސްޕިޓަލް ހިސޯރުކުރި ފަހުން އެތަނުން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެތައް ބަޔަކު ޒަޚަމް ކޮށްލާފައިވާކަމަށް ވެސް ރިޕޯޠުކޮށްފައިވެއެވެ.