އެމެރިކާގެ ރައީސް ޖޯ ބައިޑަން އަކީ އިސްނާންގެ ލޭ ބޯ މުސްކުޅި ޖަނަވާރެއްކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ހަމާސް އާއި ދެކޮޅަށް އިސްރާއީލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކިމް ޔޯ ޖޮންގް ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމު ތަކަކީ އެމެރިކާގެ ރައީސް ބައިޑަން އަޑީގައި ހުރެގެން ހިންގާ ގަތުލުއާންމުތަކެއް ކަމަށެވެ.
އެމެރިކާ ރައީސް ޖޯ ބައިޑަން އަޑީގައި ހުންނަވާ ޣައްޒާގެ އެތަކެއް ކުޑަކުދިންނާއި އަންހެނުންގެ ލޭ އޮހޮރުވަމުން އަންނާތީ އެކަމާއި ކަންބޮޑުވާ ކަމަށާއި އެކަން ވަގުތުން ވަގުތައް ހުޢްޓާލުމަށް ގޮވާލާ ކަމަށް ކިމް ޔޯ ޖޮންގް ވިދާޅުވިއެވެ. އަދި ޣައްޒާގައި މިހާރު އިސްރާއީލުން ހިންގަމުން ގެންދާ ލޭ އޮހޮރުވުންތަކުގެ ފުރިހަމަ ޒިންމާ އެމެރިކާގެ ރައީސް ނަގަން ޖެހޭނޭ ކަމަށް ކިމް ޔޯ ޖޮންގް ވިދާޅުވިއެވެ.
ކިމް ޔޯ ޖޮންގް ވިދާޅުވީ މިހާތަނަށް ޣައްޒާގެ 4600 އަށްވުރެ ގިނަ ކުޑަކުދިންގެ ލޭ އޮހޮރުވާ ޝަހީދުކޮށްލާފައިވާ ކަމަށާއި އެހެން ކަމުން އެމެރިކާގެ ރައީސް ބައިޑަން އަކީ އިންސާނުންގެ ލޭ ބޯ މުސްކުޅި ޖަނަވާރެއް ކަމަށް ނުބުނެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ ބައިޑަން އިންސާނުންގެ ލޭ ބޯ ކަމަށް މި ވިދާޅުވާ ބަހުގެ މައުނައީ އިސްރާއީލުގެ އަސްކަރިއްޔާއަށް އެމެރިކާގެ ފުރިހަމަ ތާއީދާއި އެކު ކޮންމެ ދުވަހަކު ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސްބައެއްގެ ލޭ އޮހޮރުވަމުން އަންނާތީ ކަމަށެވެ. އަދި މިކަމުގެ ހުރިހާ ޒިންމާއެއް އެމެރިކާގެ ރައީސް ބައިޑަން ނަގަން ޖެހޭނޭ ކަމަށް ކިމް ޔޯ ޖޮންގް ތަކުރާރުކޮށް ވިދާޅުވިއެވެ.