English Edition
Dhivehi Edition

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުހެ މުޖާހިދުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދއިފިކަމަށް އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން މިއަދު ބުނެފައިވަނީ އިސްރާއީލް-ލުބުނާން ބޯޑަރަށާއި އިސްރާއީލުގެ އާންމުން ދިރިއުޅޭ ބައެއް ހިސާބުތަކަށް ހިޒްބުﷲ އިން ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ހަނގުރާމައާއި ބެހޭ ކެބިނެޓުގެ ބައްދަލުވުމެއް މިއަދު ބޭއްވިކަމަށާއި ކެބިނެޓުގެ ބޮޑު އަޣުލަބިއްޔަތަކުން ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކެބިނެޓުގެ މި ނިންމެވުމާއި އެއްގޮތަށް ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރަން ބޮޑުވަޒީރު ނަތަންޔާހޫ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަދި ބޮޑުވަޒީރު ނަތަންޔާހޫ ހަނގުރާމަ ކެބިނެޓުގެ މި ނިންމުމާއި ދެކޮޅު ހަދާފައިވުމުން، ކެބިނެޓުގެ މެމްބަރުންގެ މެދުގައި ބޮޑުޒުވާބަކަށް ގޮސް އިސްރާއީލުގެ ގައުމީ ސަލާމަތާއި ބެހޭ ވަޒީރު އިޓަމާ ބެން-ގްވިރް ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫ ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރަން ފަސްޖެހެނީ ހިޒްބުﷲ ދެކެ ޖެހިލުންވެ ބިރުގަންނާތީ ކަމަށް ބައެއް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

ކަން މިހެން އޮތް ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރުވަނީ ހިޒްބުﷲ އަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ރެއާއި މިއަދު ވެސް ލުބުނާނުގެ ދެކުނު ސަރަހައްދަތަކުގައި ދިރިއުޅޭ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.