English Edition
Dhivehi Edition

ރާއްޖޭގެ ޕައިލެޓުންނަށް ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވިއިރު، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުން ވަނީ އަރާމު ކުރަން އެކަށީގެންވާ ވަގުތު ނުލިބި މަސައްކަތް ކުރަން ޖެހޭތީ ކަންބޮޑުވުން ފާޅުކޮށް އެ ކުންފުންޏަށް ޝަކުވާތަކެއް ހުށަހަޅައިފައެވެ.

ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ޚިތޯބެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މަތިންދާބޯޓުތަކުގެ ކްރޫންގެ ގަވާއިދުތަކުގެ ސަބަބުން، ފަޅުވެރިންގެ ފެންވަރު މަތިކޮށް، ޔޫރަޕާއި ކުރިއަރާފައިވާ އެހެނިހެން ގައުމުތަކުން މިހާރު އަމަލު ކުރަން ފަށާފައިވާ “ފެޓީގް ރިސްކް މެނޭޖްމަންޓް ސިސްޓަމް” ގާއިމް ކުރާނެ ކަމަށެވެ.

އެއާއެކު، ވަރުބަލިކަމާ އެކު މަސައްކަތްކުރަން ޖެހުމުގެ ސަބަބުން އޮޕަރޭޝަންސް ދާއިރާ އަށް ދިވާމާ ގޮންޖެހުންތައް މެނޭޖް ކުރެވޭނޭ ނިޒާމެއް އުފަންވެ، އެ ދާއިރާއިން ސަލާމަތްތެރިކަމަށް ހުރި ގޮންޖެހުންތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ވެސް ޒަމީރުގެ ޚިތޯބުގައި ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ މައްސަލަ އެވެ. މިއީ އާންމު ގޮތެއްގައި ހުރިހާ ގައުމުތަކާ ކުރިމަތިލާން ޖެހިފައި އޮތް މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މަސައްކަތް ކުރާ ކަމަށެވެ.