English Edition
Dhivehi Edition

މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

މިނިސްޓަރ އައްޑޫ އަށް ވަޑައިގެންނެވީ އައްޑޫ ޓުއަރިޒަމް ޒޯންތަކަށް ބިންދޫކުރެއްވުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ ރަސްމީޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މިބިންތަކަށް 45 ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރި ކަމަށާއި ބީލަން އިވެލުއޭޓުކޮށް ކާމިޔާބު ކުރި 35 ފަރާތަކަަށް އެވޯޑް ލެޓަރ ހަވާލު ކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫން ކަމަށާއި ހިތަދޫ “މާމެންދޫ ބީޗް ޓޫރިޒަމް ޒޯން”އިން 30 ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުދޫ “ކޭވަށް ބީޗް މާފިށި ޓޫރިޒަމް ޒޯން” އިން 25 ބިން، މީދޫ “ކޯގަންނު ބީޗް މުލިމަތި ޓޫރިޒަމް ޒޯން”އިން 16 ބިން “ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯން”އިން 24 ބިން އަދި މަރަދޫ އަވަށުން 10000 އަކަފޫޓުގެ އެއް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައިއެވެ

އައްޑޫގައި ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ތަރައްޤީ ކުރުމަކީ ސަރުކާރުން އައްޑޫގައި 8000 އެނދު ތަރައްޤީ ކޮށްދެވާނެ ކަމަށްވި ވަޢުދުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މީގެ އިތުރުން އައްޑޫގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސްވެސް އައްޑޫގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.