English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން، މަސްދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

23 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ދޯނި ބިންދައިގެންދިޔަ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވެއެވެ. މިޙާދިސާގައި ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަގަޅުކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

ބިންދައިގެން ދިޔައީ ގއ. ގެމަނަފުށީ “އޯކިޑް 707” ކިޔާ ދޯންޏެކެވެ.މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ދޯނީގެ ވެރިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުން ‘އޯކިޑް 707’ ކިޔާ މަސްދޯންޏެއް ބިންދައިގެން ދިއުމާއި ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިޔަށް ގެންދާ ކަމަށެވެ.

މިސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ދޮށިމޭނާ’ އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އޯކިޑު 707 އަކީ 111 ފޫޓުގެ ބޮޑު ދޯންޏެކެވެ. މީގެ ގާގަނޑަކަށް 6 އަހަރު ކުރިން ބަނދެފައިވާ މި ދޯންޏަކީ 35 މީހުންނަށް މަހަށްދެވޭ ދޯންޏެކެވެ.