ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ.ގާފަރުން ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރި “ޖަންބޯ” ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށައިފިއެވެ.
މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރެވެ. މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
“ޖަންބޯ” ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ. މި ދޯނީގައި 2 މީހުން ދަތުރުކުރި ކަމަށް އެމްްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއެވެ. މީގެއިތުރުން ބުރާސްފަތި ދުވަހުގެ 13:00 އާއި 13:30އާއި ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަައްތަރު ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 6 މޭލުބޭރުން ފެނުނު ކަމަށް އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައެވެ.
މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 18:03 ހާއިރުއެވެ.
އެމްއެންޑީއެފުން ވަނީ މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ.