English Edition
Dhivehi Edition

މި މަހުގެ އަށްވަނަ ދުވަހުގެ 14:00 އިން ފެށިގެން ނުވަވަނަ ދުވަހުގެ 14:00 އާއި ހަމައަށް ޔަހޫދީންގެ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 243 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ (އެމްއޯއެޗް) އިން ބުނެފި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ޔަހޫދީން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 243 މީހަކު ޝަހީދުވެފައިވާ ކަމަށާއި އެގޮތުން ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުގެ މެންދުރު ފަހު 3:30 އާއި ހަމައަށް އެކަނިވެސް މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 19 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 45 މީހަކު ޒަޚަމްކޮށްލާފައިވެއެވެ.

އަދި ހަމަ އެ ދުވަހު އިރުއޮއްސުމާއި ގާތްވެފައި ވަނިކޮށް ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ގެތަކަށް ހަމަލާދީ ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ޚާން ޔޫނިސްގެ އިރުމަތީގައި ހުރި އިމާރާތަކަށް ދިން ހަމަލާތަކުގައި ހަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އެމްއޯއެޗް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ ޖުމުލަ އަދަދު ވަނީ 10،818 އަށް އަރާފައެވެ. އޭގެ ތެރެއިން 68އިން ސައްތަ އަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި 1،400 އެއްހާ ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 2650 މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

7 އޮކްޓޯބަރުން ފެށިގެން ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 192 މެޑިކަލް ސްޓާފުން ޝަހީދުވެފައިވާ ކަމަށް އެމްއޯއެޗް އިން ބުނެއެވެ. އޭގެތެރޭގައި ޔޫއެންއާރުޑަބްލިއުއޭގެ 99 މުވައްޒަފުންނާއި، ފަލަސްތީނުގެ ސިވިލް ޑިފެންސްގެ 18 މުވައްޒަފުން ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.