އެފްއޭ ކަޕްގެ ތިން ވަނަ ހޮވަން ކުޅުނު މެޗުން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް އެފްއޭ ކަޕްގެ ތިން ވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މިމެޗު ކުލަބް ގްރީން ސްޓްރީޓް ބަލިކޮށް މާޒިޔާ މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުންނެވެ.
އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މިމެޗުގައި މާޒިޔާއިން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުދީފައިވާއިރު މާޒިޔާއިން މިމެޗުގެ ކާމިޔާބު ކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ފަހު 15 މިނެޓް ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ މާޒިޔާ ޒުވާން އިތުބާރު ފޯވާޑް އަހްމަދު ޝަމީމެވެ.
ޒުވާން ގިނަ ކުޅުންތެރިންނާއި އެކުވެސް މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ ދެވަނަ ލަނޑު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބުކޮށް މާޒިޔާއަށް މެޗުގެ ލީޑު ފުޅާކޮށްދީފައިވަނީ ސަމްދޫހު މުހައްމަދެވެ.
މާޒިޔާއިން އެފްއޭ ކަޕްގެ ތިންވަނަ މަގާމް ހޯދި ނަމަވެސް މާޒިޔާއަށް ވަނީ 5 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އޭފްސީ ޗެލެންޖް ކަޕުން ފުރުސަތު ގެއްލިފައެވެ.