English Edition
Dhivehi Edition

ޔަހޫދީ ދައުލަތް އިސްރާއީލުގެ މިހާރުގެ ބޮޑުބަޒީރު ބެންޖަމިން ނަތަންޔާހު އަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިހުދު އޯލްމާޓް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާއި ގުޅިގެން ނަތަންޔާހު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އޯލްމާޓް ވިދާޅުވީ ހަމާސް އިން އިސްރާއީލަށް ދިން މި ހަމަލާއަކީ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހުގެ ފެއިލްވުމެއް ކަމަށެވެ. އަދި އޭނާގެ ނާގާބިލް ކަމުގެ ހެއްކެއް ކަމަށެވެ.

އަދި ނަތަންޔާހު އަކީ ގައުމެއްގެ ބޮޑުވަޒީރުކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށާއި އޭނާގެ ސިޔާސީ ކެރިއަރު ބިނާވެގެން ވަނީ މުޅިންވެސް ދޮގުހެދުމާއި ހީލަތްތެރިކަމުގެ މައްޗަށް ކަމަށް އޯލްމާޓް ވިދާޅުވިއެވެ.

އޯލްމާޓް ވިދާޅުވީ އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހު އަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓޭ ފެންވަރު ހުރި ޤާބިލް މީހެއް ނޫންކަމަށާއި އެއީ އިސްރާއީލުގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

“ނަތަންޔާހުއަކީ އިސްރާއީލުގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް. އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކަކީ އޭނާ ފެއިލްވެފައިވާ ކަމުގެ އަލާމާތެއް. ނަތަންޔާހޫ އަކީ ބޮޑު ދޮގުވެރިއެއް، ހީލަތްތެރިއެއް.” އޯލްމާޓް ވިދާޅުވެފައިވެއެވެ.