English Edition
Dhivehi Edition

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓު ލިބޭނެ 4،000 މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅާން ހުޅުވާލުމުން، ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް އަދި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ނޫންވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ މިހާތަނަށް ލިބުނީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ.

“ތިން ކޮޓަރީގެ ފުލެޓަށް ގާތްގަނޑަކަށް 2،000 ޝަކުވާ އަދި އެއް ކޮޓަރީގެ ފްލެޓަށް 900 ޝަކުވާ ލިބިފައިވަނީ” އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ފްލެޓާއި ގުޅިގެން ޝަކުވާއަށް ހުޅުވާލުމުން ގިނަ ބަޔަކު މާލޭގައި ދިރިއުޅުނު މުއްދަތު އިތުރުކަން ފާހަގަކޮށް އެކަމަށް ރިޢާޔަތްކޮށް މާކްސް އިތުރުނުވާކަން ހުށައަޅަމުންދާކަމަށެވެ. އަދި އެއީ މާކްސް އިތުރުވާނެކަމެއްގެ ގޮތުގައި މާކްސް ދިނުމުގެ މިންގަނޑުގައި މާބޮޑު އިސްކަމެއް ދިންކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މާލޭގެ ރަޖިސްޓްރީގައި ނުވަތަ ދިރިއުޅޭތާ 15 އަހަރުވެފައިވާ ކޮންމެ މީހަކަށްމެ އެބައިން މާކްސް ލިބޭނެކަމަށް އާރިފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރެއިން އެއްވެސް “ކަޓް އޯފް”އެއް ނެތްކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅީ ކަސްޓަމްސްގެ މުވައްޒަފުންނަށް ޚާއްސަކުރި ފްލެޓްތައްވެސް ހިމެނޭހެން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުންކަމަށެވެ.

ހައުސިންގ މިނިސްޓްރީން ދޫކޮށްފައިވާ 4000 ފްލެޓަށް މާކްސްދިން ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިސްޓްރީއިން ވަނީ ފްލެޓާއި ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭކަމަށް ކުރެވޭ ތުހުމަތާއެކު އޭ.ސީ.ސީއިން އަންނަނީ މި މައްސަލަ ތަޙުޤީޤުވެސް ކުރަމުންނެވެ.