English Edition
Dhivehi Edition

ވެރިކަން ބަދަލުވުމުގެ މި މަރުހަލާގެ ތެރޭގައި، ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ދިނުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައިވީ ނަމަވެސް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ފްލެޓްތައް އަވަސް އަރުވާލައިގެން ހަވާލުކުރުމުގެ ބަދަލުގައި އެކަން އާ ސަރުކާރާ ހަވާލުކުރުމަށް މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވާ މި ދަނޑިވަޅުގައި އަކްރަމް ކަމާލުއްދީން ވިދާޅުވީ، ސަރުކާރު ދެމި އޮތްހާ ދުވަހަކު ކުރާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެމަސައްކަތް ހުއްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަކްރަމް ކަމާލުއްދީން މިހެން ވިދާޅުވެފަައިވަނީ ހައުސިން މިނިސްޓްރީން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފްލެޓްތައް ދިނުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދޫކޮށްފައިވާ ލިސްޓާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ޝަކުވާކުރަމުންދާތީކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ރައްޔިތުންގެ ފަރާތުން އިންތިޚާބީ ރައީސްގެ އޮފީހަށްވެސް ޝަކުވާއާއި ކަންބޮޑުވުން ހިއްސާކުރަމުންދާކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ 4000 މީހުންގެ ލިސްޓު ވަނީ މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމާްއި އެކު ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ގުޅިގެން ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) އިން ވަނީ ހައުސިންގ މިނިސޓްރީއަށް އަންގާފައެވެ.

“އަވަސް އަރުވައިލައިގެން ކުރިއަށް މިއޮތް 9 ދުވަސް ތެރޭގައި އެންމެ އިންސާފުވެރިކަމާއެކު އެކަން ގެންދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ. އަދި އެކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ އިންތިހާބީ ރައީސް އޮފީހަށް ދަނީ ލިބެމުން. މިކަން ހުއްޓާލުމަށް އިންތިހާބީ ރައީސް އެދިވަޑައިގަތީ އެންމެ އިންސާފުވެރިކޮށް އެކަން ކުރިއަށްނުގެންދެވޭނެތީ” ފިރުޒުލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ހިންގަމުންދާ ތަހުގީގަށް މައުލޫމާތު ހޯދަން އިއްޔެ ވަނީ ހައުސިން މިނިސްޓްރީ އަށް ވަދެފައެވެ.