English Edition
Dhivehi Edition

މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދިގު މާޒީއެއް އޮތް މެޕްސް ކޮލެޖުން އަންނަ އަހަރު ފާހަގަކުރާ، އެ ކޮލެޖުގެ ރިހިޔޫބީލްއަށް ހާއްސަ ޙަރަކާތްތަކުގެ ތެރެއިން އާއްމު ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ ކުއިޒް މުބާރާތެއް ފަށައިފިއެވެ. ‘މެޕްސް ޓްރިވިއާ ކުއިޒް 2023’ގެ ނަމުގައި އޮންލައިން ކޮށް ކުރިޔަށްގެންދާ މި ކުއިޒް މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މެޕްސް ކޮލެޖުގެ ފޭސްބުކް މެދުވެރިކޮށް ޢާއްމުންނަށް ބައިވެރިވެވޭ މި ކުއިޒު މުބާރާތް ކުރިޔަށް ދާނީ މި ހިނގާ ނޮވެމްބަރ މަހުގެ 1ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. މެޕްސް ކޮލެޖުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ހާއްސަ ސުވާލެއް އާއްމުންނަށް ދޫކޮށްލުމަށް ފަހު ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެ ދުވަހުގެ މެންދަމު 12:00އާ ހަމައަށް އާއްމުންނަށް އޮންނާނެއެވެ. ‘މެޕްސް ޓްރިވިއާ ކުއިޒް 2023’ގެ ސުވާލުތައް ބިނާކުރެވިފައި ވަނީ އެ ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން ކޮލެޖު ވުޖޫދަށް އައިގޮތާ ބެހޭ މަޢުލޫމާތުގެ މައްޗަށެވެ. މި ހުރިހާ މަޢުލޫމާތެއް ވެސް މެޕްސް ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv އިން ވަރަށް ފަސޭހަކަމާއެކު އާއްމުންނަށް ހޯދާލެވޭނެ ކަމަށް އެ ކޮލެޖުން މަޢުލޫމާތު ދެއެވެ. މި ކުއިޒް މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް މެޕްސް ކޮލެޖުން ހިންގާ ކޮންމެ ކޯހެއް ވެސް ކިޔެވުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ. އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ސުވާލުތަކުގެ ޖަވާބު ރަގަޅު ކޮށްފިނަމަ އެއްވަނަ އަށް ދާ ފަރާތެއް ހޮވާނީ ހާއްސަ ގުރުއަތުލުމުގެ ބުރަކަށް ފަހު ކަމަށް މެޕްސް ކޮލެޖުން ވަނީ މަޢުލޫމާތު ދީފައެވެ.

ޢާއްމު ފަރާތްތަކަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއަށް އަމާޒުކޮށްގެން މި ދިޔަ މަހު ވަނީ ‘މެޕްސް ކުއެސްޓް”ގެ ނަމުގައި ވެސް ވަރަށް ފޯރިގަދަ ޙަރަކާތެއް ބާއްވާފައެވެ. މެޕްސް ކޮލެޖުގެ ދަރިވަރުން ބައިވެރިވި މި ޙަރަކާތަކީ މެޕްސް ކޮލެޖާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދިޔަ ޙަރަކާތެކެވެ. ޖުމްލަ 20 ސެގްމެންޓަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ‘މެޕްސް ކުއެސްޓް’ ކާމިޔާބު ކޮށްފައިވަނީ ހަތަރު ދަރިވަރުން ހިމެނޭ ‘ޓީޓީއެން’ ގްރޫޕެވެ. މި ދަރިވަރުންގެ ގްރޫޕަށް ފައިސާގެ އިނާމުގެ ގޮތުގައި 4000 ރުފިޔާ ލިބިފައިވާއިރު މި ޙަރަކާތަކީ ކުރިމަގުގައި ބޭއްވޭ މިފަދަ ޙަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ހިތްވަރު ދީ، ޓީމެއްގެ ތެރޭ މަސައްކަތް ކުރުމުގެ ހުނަރު ކުރިއަރުވާ، ތަޢުލީމީ ޙަޔާތުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އަމަލުކުރާނެ ގޮތްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް މަގުފަހިކޮށްދިން ޙަރަކާތެކެވެ.

ލުއި ފަސޭހަކަމާއެކު އާއްމުންނަށް މަތީ ތަޢުލީމުގެ ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999ވަނަ އަހަރު ވުޖޫދަށް އައި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މެޕްސް ކޮލެޖުން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު ދިނުމުގެ ޚިދުމަތް ދަރިވަރުންނަށް ފޯރުކޮށްދެމުންނެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކާ ހަމައަށް މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށްވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ “ބެޗެލަރސް ޑިގްރީ ސްކީމް”ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ. މީގެ އިތުރުން މުޅި ދުނިޔެ ޤަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކޯސްތަކާއެކު އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތައްވެސް މެޕްސް ކޮލެޖުގައި ހިންގައެވެ. މި ކޯސްތަކާބެހޭ މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް (ވެބް ސައިޓް ނަން) މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.

 

 

1 ކޮމެންޓް
ނަނާ
ނޮވެމްބަރު 7, 2023
ކުއިޒަށް ވަދެވޭނެ ލިންކު ނެތީމަ ކަމަކުނުދޭ