English Edition
Dhivehi Edition
ހިޔާ މަޝްރޫއުގެ ފްލެޓްތައް /ފޮޓޯ: ޕީއެސްއެމް

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

މިރޭ ޕްލޭނިން މިނިސްޓްރީން އާންމުކުރި ލިސްޓާ ގުޅޭ ގޮތުން އެ މިނިސްޓްރީން ބުނީ ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފުރަތަމަބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ މި ފްލެޓްތަކުގެ މަހު ކުލިވެސް އާންމުކޮށްފައެވެ، މި ގޮތުން ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާއެވެ. އަދި މި ފްލެޓްތަކަށް މަރާމާތު ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 5000 ރުފިޔާއެވެ. އަދި މި ފްލެޓްތަކަށް މަރާމާތު ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން 3މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު ކަމަށާ އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 މަސް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް އެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުނަގައިގެންނެވެ.