English Edition
Dhivehi Edition

ހައްދުފަހަނަޅާފައިވައި އިޒްރޭލުން، ފަލަސްތީނުގެ އަލް-ޝިފާ ހޮސްޕިޓަލުގެ އެމްބިއުލާންސަކަށް އަމާޒުކޮށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

ގާޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން އަޝްރަފް އަލް ގުދުރާ ވިދާޅުވީ އިއްޔެ ޔަހޫދީ އިޒްރޭލުގެ ސިފައިން ދިން މި ހަމަލާގައި 15 މީހުން ޝަހީދުވެފައިވާކަމަށެވެ. އަދި 60 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އަޝްރަފް އަލް ގުދުރާ ވިދާޅުވިއެވެ. މި އެމްބިއުލާންސަކީ އަލް-ޝިފާ ހޮސްޕިޓަލުން، ރަފާ ބޯޑާ ހުރަސްކުރުމަށް ބޭނުންވާ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ވެހިކަލަކަށް ވާއިރު އިޒްރޭލުން ވަނީ މި އެމްބިއުލާންސަށް ހަމަލާދީފައިވަނީ ހަމާސްގެ އަސްކަރީ އޮޕަރޭޝަނަށް ބޭނުންކުރަމުން ދާތީކަމަށެވެ.

އަލް-ޝިފާ ހޮސްޕިޓަލުގެ ގޭޓު ކައިރީގައި އޮތް އެމްބިއުލާންސަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދީފައިވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރެޑް ކެރެސްންޓްގެ ސްޕޯޚްސްޕާސަން މުހައްމަދު އަބޫ މުސްހަބު ވިދާޅުވީ އެ ވަގުތު އެ ސަރަހައްދުގައި ޝިފާ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މުހައްމަދު އަބޫ މުސްހަބު ވިދާޅުވީ އިޒްރޭލުން ރެޑް ކެރެސްންޓުގެ އެމްބިއުލާންސަށް އަމާޒުކޮށްވެސް ހަމާލާއެއް ފޮނުވާފައިވާކަމަށާ އެހެންނަމަވެސް އެމްބިއުލާންސްގެ ޑްރައިވަރާ މުވައްޒަފުން އެ ހަމަލާގައި ގެއްލުމެއް ނުވެ ސަލާމަތްވެފައިވާ ކަމަށެވެ.

ޔަހޫދީ އިޒްރޭލުން ގާޒާއަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 25 އެމްބިޔުލަންސެއް ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުކޮށްލާފައެވެ. އަދި 126 ހޮސްޕިލަކަށް އަމާޒުކޮށް އިޒްރޭލުން ހަމާލާދީފައިވާއިރު، ހަނގުރާމައިގެ ހުރިހާ އުސޫލެއް މުގުރާލާ އިޒްރޭލުން ހިންގާ މި ޖަރީމާ ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ނުކުޅެދިފައެވެ، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެފައިވާއިރު މިއީ ނަސްލެއް ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.