English Edition
Dhivehi Edition

ޔަހޫދީ ދައުލަތް އިސްރާއީލަކީ ނިކަމެތި އަދި ބަލިކަށި ގައުމެއް ކަމަށާއި އަދި އެއީ މުޅިން އެމެރިކާއަށް ބަރޯސާވެފައިވާ ދައުލަތެއް ކަމަށް ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް މިރޭ ދިން ބަސްދީގަތުމުގައި ވާހަކަދައްކަވަމުން ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله ވިދާޅުވީ އިސްރާއީލަކީ އަމިއްލަހާލައިގެން ނޫޅެވޭހައި ބަލިކަށި ގައުމެއް ކަމަށާއި އެ ގައުމު އޮތީ ހުރިހާ ގޮތަކުންވެސް އެމެރިކާއަށް ބަރޯސާވެފައިކަމަށެވެ. އަދި އިސްރާއީލަކީ އަމިއްލަ އަށް އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަން ލިބިގެންވާ ގައުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ނަސްރުالله ވިދާޅުވީ ހަމާސް އާއި ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށީއްސުރެ، އެމެރިކާއިން ގެންދަނީ އެގައުމަށް އަސްކަރީއެހީތަށް ފޯރުކޮށްދެމުން ކަމަށާއި އެގޮތުން ހަތިޔާރާއި އަސްކަރީ ސިފައިން އިސްރާއީލަށް ފޮނުވާފައިވާކަމަށެވެ. އަދި މިއީ މިލިޓަރީގޮތުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް އިސްރާއީލުގެ ގާބިލު ކަން ނެތް ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

” އިސްރާއީލަކީ ބަލިކަށި ގައުމެއް. އެއީ އެމެރިކާއަށް ބަރޯސާވެފައިވާ ނިކަމެތި ދައުލަތެއް. ހަނގުރާމަ ފެށުނީއްސުރެން އެމެރިކާއިން ގެންދަނީ އިސްރާއީލަށް އަސްކަރީ އެހީ ދެމުން.” ހިޒްބުﷲ ގެ ލީދަރު ހަސަން ނަސްރުالله ވިދާޅުވެފައިވެއެވެ.

ހަސަން ނަސްރުالله ވިދާޅުވީ އެމެރިކާއި މެދު ނުކެނޑި އިސްރާއީލަށް އަސްކަރީގޮތުން ކިތަންމެ ބައިވަރު އެހީތަކެއް ފޯރުކޮށްދެމުން ދިޔަ ނަމަވެސް އިސްރާއީލަށް އެމީހުން ބޭނުންވާ މަގުސަދު ހާސިލް ވަމުން ނުދާކަމަށާއި ހަނގުރާމައިގައި އެގައުމު ދަނީ ބަލިކަށިވަމުންކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިސްރާއިލުން ޣައްޒާގައި ހިންގާ ޤަތުލުއާންމުތަކުގެ ފަހަތުގައި އޮތީ ސީދާ އެމެރިކާ ކަމަށާއި މިކަމުގެ ބަދަލު ވަރަށް ވަރުގައަށް އެމރިކާއަށް ލިބިގެންދާނޭކަމަށެވެ.