ނައިނާ 19ވަނަބައި…
ޤާޟީ ކައިވެނީގެ ޚުޠުބާ ފެށިއެވެ. ޚުޠުބާގެ އެންމެ ފަހުބައިން ޤާޟީ އިއްވިއެވެ. ” އަނބިކޮށްދީފީމެވެ!” ދާނިޝް އަށް އެއަޑު އިވުނެވެ. ދާނިޝް އިސް އުފުލާލިއެވެ. ޖަވާބު ދިނެވެ. އަނބި ގަބޫލުކޮށްފިން! އެއަޑު އިވުނު ނައިނާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އެވަގުތު ވެސް ނައިނާ ބަލާލީ އަޔާންއާ ދިމާއަށެވެ. އަޔާން އިނީ އިސްދަށަށް ޖަހައިގެނެވެ. ދާނިޝް ފުން ނޭވާއެއް ލިއެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް ލިބުނުހެން ހީވިއެވެ. މިދުވަސް ފެނިދާނެ ކަމަކަށް އޭނާ ހުވަފެނުން ވެސް ނުދެކެއެވެ. ފަހުން ވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟
ކައިވެނީގެ ކަންތައްތައް ނިމިއްޖެއެވެ. ދެން އޮތީ ކެއުމެވެ. ފޮޓޯ ނެގުމެވެ. ދާނިޝްއާ ނައިނާ ފޮޓޯނަގަން ޚާއްޞަ ކުރެވިފައިވާ ތަނަށް ދިޔައެވެ. ދާނިޝް އެންމެ ފުރަތަމަ ވެސް ގޮވާލީ އަޔާން އަށެވެ. އަޔާން ދިޔައީ ސިއްސައިގެނެވެ. އެކަމަކު ނުގޮހެއް ވެސް ނުވާނެތާއެވެ. އެންމެންގެ ތެރޭގައި ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ ނައިނާ ހުރީ އިސްދަށަށް ޖަހައިގެނެވެ. ދާނިޝް މަޑުމަޑުން ނައިނާގެ ގާތަށް ޖެހިލިއެވެ. ވަރަށް ގާތަށެވެ. ނައިނާ ހާސްވާން ފެށިއެވެ. ތުރުތުރު އަޅަން ފެށިއެވެ. އަޔާން މަޑު ހިނގުމެއްގައި އެދިމާއަށް އަންނަނީއެވެ. އަޒީޒާ ހުރީ އޭނާގެ ދަރިފުޅުގެ ތަޤުދީރާމެދު ދެރަވެފައެވެ. އެކަމަކު އެނޫން ގޮތެއް ވެސް ނެތީއެވެ.
މަޑުމަޑު ހިނގާފައި އައިސް އަޔާން ދާނިޝްގެ ގާތުގައި ހުއްޓުނެވެ. ފުން ނޭވާއެއް ލިއެވެ. އެކަމަކު އިސްއުފުލާލާ ބަލާކަށް ނުކެރުނެވެ. ” ކޮންތާކު ތި ހުއްޓުނީ..! ދާނިޝް އަޔާންއާ ދިމާއަށް ބުންޏެވެ. މީ ވަރަށް ޚާއްޞަ ފޮޓޯއެއް، އަޔާން ހުންނަންވާނީ މެދުގަ! އެހެން ބުނުމަށް ފަހު ދާނިޝް އަނެއްފަރާތަށް ދިޔައެވެ. އަޔާން ހުރީ މެދުގައެވެ. ވާތްފަރާތުގައި ޖެހިގެން ނައިނާއެވެ. ނައިނާއެކޭ އެއްފަދައިން އަޔާން ވެސް ހާސްވާން ފެށިއެވެ. ދާހިތްލަން ފެށިއެވެ. ނައިނާގެހާލު އެއަށްވުރެ ބޮޑެވެ. އެހާތެދުވެރި ދެ ލޯބިވެރިން އެއްތަންވާން އެ ޖެހުނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ ތަޤުދީރު އިންސާނުންނާ ކުރިމަތިކުރުވާ ކަންތައްތައް ނިކަން ދެކިބަލާށެވެ. މިކަންކަމުން އެނެގެނީ އަހަރެމެން އިންސާނުންގެ ބާރު ކުޑަ ކަމެވެ. ހުރިހާ ވެސް ބާރެއްގެ ވެރި ފަރާތަކީ ﷲއެވެ.
”ތަންކޮޅެއް ގާތަށް ޖެހިލަބަލަ! ފޮޓޯނަގަން ހުރިމީހާ އަޔާންއަށް އިޝާރާތްކޮށް ބުންޏެވެ. އަޔާން ހުރީ ނައިނާއާ ތަންކޮޅެއް ދުރުގައެވެ. އެއަޑު އިވުމުން ދާނިޝް އައިސް އަޔާން ނައިނާގެ ގާތަށް ގެންދިޔައެވެ. ދެމީހުން މިހާރު ތިބީ ޖެހިޖެހިގެނެވެ. ވަރަށް ގާތުގައެވެ. އެކެއްގެ ނޭވާގެ އަޑު އަނެކަކަށް އިވޭ ހިސާބުގައެވެ. އެނޭވާގައިވާ ހޫނު އިހުސާސްތައް އަޑު އިވޭ ހިސާބުގައެވެ. ދެމީހުންގެ ހިތް ވެސް ބާރަށް ތެޅެމުން ދެއެވެ. ހާސްވެ މާޔޫސްވެފައިވާ ރިހުމަކާއެކު އަޔާން ނައިނާއަށް ބަލާލިއެވެ. އެމޫނުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ނޭނގި ނަމަވެސް ނައިނާއަށް ވެސް އަޔާންގެ މޫނަށް ބަލާ ލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެކެއްގެ ލޮލުން އަނެއްކެއްގެ މޫނު ހިތްދަތި ހިތް ފެންނަމުން ދިޔަކަހަލައެވެ.
ފޮޓޯ ނަގާ ނިމިއްޖެއެވެ. ތާރީޚީ ފޮޓޯއެކެވެ. ނައިނާއަށާ އަޔާންއަށް ނޭނގިތިއްބާ ކެމެރާގެ ލެންސް އަމާޒުވި ވަރަށް ހިތްގައިމު ފޮޓޯއެއް ވަނީ ނެގިފައެވެ. އެއީ އަޔާން އަދި ނައިނާ ވެސް ދެމީހުންގެ މޫނަށް ބަލާލި ގަޑިއެވެ. އެކަން ފާހަގަވީ ނާމީއަށެވެ. އެހެން މީހަކަށް ފެނުމުގެ ކުރިން ނާމީ ބޭނުންވީ އެ ފޮޓޯގަނޑު ހޯދުމަށެވެ. އެހެންކަމުން ނާމީ އެކަމާ އަވަސް ވިއެވެ. ކައިވެނީގެ ޙަފުލާއަށް އެތައް ބަޔަކު ވަނީ ޖަމާވެފައެވެ. އުފާކުރާ މީހުންނާ މަޖާކުރާމީހުން އެމީހުންގެ ކަންކަމައިގެން ކުރިއަށް ދަނީއެވެ. އަނެއްބަޔަކު ކައިވެނި ކުރެވުނު ދެމީހުންނަށް ތަޙުނިޔާ ކިޔުމުގައި އަވަދިނެތި އުޅޭތަން ފެނެއެވެ. ތަހުނިޔާ ކިޔަން އަންނަ ކޮންމެ މީހަކަށް ވެސް ދާނިޝްގެ އުފާވެރިކަމާ ނައިނާގެ މާޔޫސްކަން ފާހަގަ ކުރެވޭނެއެވެ. ނައިނާގެ އެ ހިތްދަތި މޫނު ނުފެންނަ ދެމީހުނަކީ ދާނިޝްއާ ނައިނާގެ މަންމައެވެ. އެމީހުން ތބީ އެއަށްވުރެ އުފާ ވެފައެވެ. އަޔާންގެ މަންމައާ ބައްޕަ ދާނިޝްގެ ގާތަށް އައެވެ. އެވަގުތު ދާނިޝް ފެންކަޅި ވިއެވެ. މައިންބަފައިން މަތިން ހަނދާންވީއެވެ. ދާނިޝްއަށް ރޮވެން ފެށުނެވެ. އަޒީޒާއަށް ވެސް އަދި ފާރޫގަށް ވެސް ރޮވުނެވެ. މިފަދަ އުފާވެރި ވަގުތެއްގައި އެންމެން ރޯތަން ފެނުމުން އަޔާން ވަރަށް ދެރަވިއެވެ. ދުރުގައި ހުރެފައި އޭނާ ދާނިޝްމެންގެ ގާތަށް އައެވެ. ” ދާންބޭ ދެރަނުވޭ މިއީ ހަމަ ދާންބޭގެ ފެމިލީ” އަޔާން ދާނިޝްގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ! ދެން ހިނގާ އެއްޗެއް ކާން ވަރަށް ބަނޑުހައިވެއްޖެ! އަޔާން ބޭނުންވީ އިތުރަށް އެއްވެސް މީހެއްގެ ލޮލުން ކަރުނައެއް ނާންނާނެ ގޮތެއް ހެދުމެވެ.
އެވަގުތުވެސް ނައިނާއަށް ބަލާލެވުނީ އަޔާންގެ މޫނަށެވެ. ކޮންފަދަ ހިތްވަރުގަދަ އިންސާނެއް ހެއްޔެވެ؟ ކޮންފަދަ މާތް މީހެއް ހެއްޔެވެ؟ އަޔާން ލިބޭނީ ވަރަށް ނަސީބު ގަދަ އަންހެނަކަށެވެ. އަހަރެންގެ ނަސީބުގައި އެކަން ނެތީއެވެ. ނައިނާގެ ހިތުގައި އިތުރަށް އަޔާންއަށް އޮތް ލޯބި ވަރުގަދަ ވިއެވެ. އެ ލޯތްބަށް އިތުރަށް ޤަދަރު ކުރެވުނެވެ. ދާނިޝްގާތު އެވާހަކަ ބުނެވުނު ނަމައެވެ. ފަހަރެއްގައި މިކައިވެނި ނުކޮށްވީސް ކަންނޭނގެއެވެ. ނައިނާ ފުންޚިޔާލު ތަކެއްގެ ތެރޭގައި ހުރިކަން އަޔާންއަށް އިޙުސާސް ކުރެވުނެވެ. އަޔާން މަޑުމަޑުން ނައިނާގެ ގާތަށް ޖެހިލިއެވެ.
”ދާންބޭ! އަޔާން ގޮވާލިއެވެ. ދާނިޝް އައުމުން އަޔާން ބުންޏެވެ. ދާންބޭ ނައިނާއަށް ދެރަގޮތެއް ނުހަދައްޗޭ! ދާންބެތީ ވަރަށް ހިތްވަރުގަދަ މީހެއް! ފިރިހެނެއްގެ ހިތްވަރަކީ ގަދަކަމަކީ އަންހެންމީހާއަށް އޯގާތެރިވެ އަޅާލުން، ބާރު ދެއްކުމުގެ ބަދަލުގައި ލޯބިދީ އެހީތެރިވުން، ރުޅިއައުމުގެ ބަދަލުގައި ވިސްނައިދީ ރަނގަޅުމަގަށް ގެނައުމަށް އެއްބާރުލުން ދިނުން، އަނިޔާއެއް ކުރަން ހިތަށް ވެސް ނާރުވައްޗޭ! ދެމީހުން ގުޅިގެން ރަނގަޅަށް އުޅޭތި! ” ނައިނާ ދާންބެ އެކަނިވެރިކަން އިހުސާސްވިޔަ ނުދެއްޗޭ! މައިންބަފައިން ނެތްކަމުގެ އިހުސާސެއް ވިޔަނުދިނުމަކީ ނައިނާގެ ޒިންމާއަކަށް ހަދާ! ދާންބެއަށް ރަނގަޅަށް ކަންތައްތައް ކޮށްދޭތި! އޭރަށް އަހަރެން ހުންނާނީ އުފަލުގަ! އަޔާން ފައްޗަކަށް އަމުނާލިއެވެ. އެންމެން ވެސް ތިބީ އަޔާންއަށް ބަލަހައްޓައިގެނެވެ.
”ސާބަސް މަގޭ ކޮއްކޯ ކައިވެނީގެ ޚުތުބާއަށް ވުރެ މާ އަސަރުގަދަ، މާރީތި، މާ ފުރިހަމަ، އަޔާން ތިޔައީ ހަމަ ޖަވާހިރެއް! ދާނިޝް އަޔާންއަށް ތަޢުރީފު ކުރިއެވެ. ސުބުޙާނަﷲ އަޔާން މިއީ ކޮންފަދަ އިންސާނެއްބާ! ކޮންފަދަ މާތް ޚުލްގެއްގެ ވެރިއެއް! ނައިނާ އަޔާންއަށް ތަޢުރީފުކުރީ ހިތުންނެވެ. އަޔާންގެ އެވާހަކަތަކުން ނައިނާއަށް އެތައް ހިތްވަރެއް ލިބުނެވެ. އަޒީޒާ ހުރީ އޭނާގެ އެ ހިތްވަރުގަދަ ދަރިފުޅަށްޓަކައި އުފަލުން ރޮވިފައެވެ. އެހެން ނަމަވެސް ފަޚުރުވެރިވެފައެވެ. ނާމީ ވެސް އެފަދައެވެ. އެފަދަ ޚުލުޤުހެޔޮ ރަޙުމަތްތެރިޔަކު ލިބުނީތީ ނާމީ ހުރީ ވަރަށް އުފަލުންނެވެ.
ކައިވެނި ހަފުލާގެ ހުރިހާ ކަމެއްހެން މިހާރު ނިމިއްޖެއެވެ. ގަޑިން ބާރަވެސް ޖަހަނީއެވެ. އެކިމީހުން އެކިތަނަށް ގޮސް ނިމިއްޖެއެވެ. ދާނިޝްއާ ނައިނާ ވެސް ދާނިޝްމެންގެ ގެއަށް ދިޔައެވެ. އެގޭގެ އެއްކޮޓަރިވަނީ ވަރަށް ރީތިކޮށް ތައްޔާރު ކޮށްފައެވެ. އަޔާންއާ ނާމީއާ އަދިވެސް ގުރޫޕުގެ ބައެއް މީހުން ވެގެން ގޭތެރެ ކޮންމެސް ވަރަކަށް ހަމަމަގަށް އަޅުވަން މަސައްކަތް ކުރަނީއެވެ.(ނުނިމޭ)