English Edition
Dhivehi Edition

މަޑުހިނގުމެއްގައި ނައިނާ އައިސް ދާނިޝްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އިސްދަށަށް ޖަހާލިއެވެ. ދާނިޝް ކަޅިޖަހާ ވެސް ނުލައި ނައިނާއާ ދިމާއަށް ބަލަން އިނެވެ. ” ކޮބާ ވެޑިން ޑްރެސް” ހެޔޮވަރުކޮށްލައިފިންތަ؟ ދާނިޝް ވާހަކަ ދެއްކީ ސީދާ ނައިނާގެ ލޮލަށް ބަލަން އިނދެއެވެ. ނައިނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަޔާން އަނެއްކާ ވެސް އެހިއެވެ. އެވަގުތު ނައިނާގެ މަންމަ އެތަނަން އައެވެ. ދާނިޝްގެ ސުވާލު ވެސް އަޑުއިވުނެވެ. ” އާނ އެކަން ކޮށްފިން ދޯ ދަރިފުޅާ! ނައިނާގެ މަންމަ އަވަސް އަވަހަށް ބުންޏެވެ. އާއެނކޭ ބުނެފައި ނައިނާ ތެދުވީ ކޮޓަރިއާ ދިމާއަށް ދިއުމަށެވެ. އިތުރަށް އެތަނުގައި ހުންނަން ބޭނުން ނުވެގެންނެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ނައިނާގެ ކައިވެންޏަށް ގޭތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. އަވަށްޓެރިންނާ ރައްޓެހިންނާ ތިމާގެ މީހުން އަޔާން މެންގެ ގެއަށް ޖަމާން ވާން ފެށިއެވެ. ރޭގަނޑު އޮންނަ ޕާޓިއަށް ކާތަކެތި ތައްޔާރު ކުރުމަށްޓަކައެވެ. އަޔާންއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު ގަޑިން 8ޖަހައިފިއެވެ. އަޔާން ހޭނުލައިގެން ދާނިޝް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ކައިވެނީގެ ހުރިހާ ކަމެއް ވެސް ދަނީ އަޔާންގެ ބެލުމުގެ ދަށުން ކަމަށް ވާތީއެވެ. ދަޢުވަތުކާޑުތައް އަދި އެއްކޮށް ބަހާ ނުނިމޭތީއާ ވެސް އެކުގައެވެ. އަދިވެސް ބައިވަރު ކަންތައްތައް ހުރީތީއެވެ.

އަޔާންއަށް ގޭތެރެއަށް ނުކުމެވުނު އިރު ނާމީވެސް އައިސް ގެއަށް ވަންނަނީއެވެ. ޒާމިލްއާ އަދިވެސް އަޔާންގެ އެހެން އެކުވެރިން ވެސް ނާމީގެ ފަހަތުން އަންނަތަން ފެނުނެވެ. ސަޔަށް ފަހު އެންމެން ވެސް މަސައްކަތް ފެށިއެވެ. އަޔާންއާ ނާމީއާ ދާނިޝް އުޅުނީ ކައިވެނިކުރާ ތަން ތައްޔާރު ކުރުމުގައެވެ. ޒާމިލް އުޅުނީ ބަދިގެފަރާތުގެ ލީޑަރަކަށެވެ. އޭނާއަކީ އެކަހަލަ ކަންކަމަށް ވަރަށް ކުޅަދާނަ މީހެކެވެ. ރަށުގެ ވަރަށް ގިނަ ބަޔަކު އެގޭތެރޭގައި ކައިވެނީގެ ކަންކަމުގައި ހަރަކާތްތަރި ވަމުން ދިޔައެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ވަރުގަދަ ކައިވެންޏެކެވެ. އެއީ ދެފަރާތުގެ އާއިލާއަކީ ވެސް މުއްސަނދި އާއިލާއަކަށް ވާތީއެވެ.

އެއްބަޔަކު އަވަދިނެތި އުޅުނު ކަމުގައި ވިޔަސް ނައިނާ އިނީ ގަބުވެފައެވެ. މުޅިމީހާ ވަނީ ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިހުސާސް ކުރެވެމުން ދިޔައީ ހިތްދަތިކަމެވެ. މާޔޫސް ކަމެވެ. ހިތާހިތާ ކިޔާލެވުނެވެ. މިކައިވެނި ކުރާނީ ކހިނެތް ހެއްޔެވެ؟ އަޔާންގެ ކުރިމައްޗަށް އަހަރެން ދާނީ ކިހިނެތްހެއްޔެވެ؟ އެކަން އަހަންނަން ކުރެވޭނެ ހެއްޔެވެ؟ އަޔާންއަށް އަހަރެން ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ މިއީ ކޮންކަހަލަ އިމްތިޙާނެއް ހެއްޔެވެ؟ ކުރާނެ ކަމެއް ނެޔެވެ. ވަގުތު މިވަނީ ފާއިތު ވެފައެވެ. ދެން މިކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ނުވެސް ވާނެއެވެ. މަންމަގެ ކުރިމަތީގައި އަހަރެން ދައްކާ އެއްވެސް ވާހަކައެއް މަންމަ ގަބޫލެއް ނުކުރާނެއެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ވެސް މަންމަ ބޭނުންވީ އަހަރެން މުއްސަންޖަކާ ދެވުމަށެވެ. މިއަދު މަންމަގެ ހުވަފެން ހަގީގަތަކަށް ވާތީ މަންމަ އެހުންނަނީ ކިހާ އުފަލަކުން ހެއްޔެވެ؟ އެކަމަކު މަންމަގެ މި ދަރިފުޅު އުޅޭ ހާލެއް މަންމައަށް އެނގޭ ބާއެވެ. ހިތްދަތި ޚިޔާލުތަކެއްކައި ނައިނާ އެކަނި ވާހަކަ ދައްކަމުން ދެވުނު ކަހަލައެވެ.

ޑިސެންބަރުމަހުގެ 13ވަނަ ދުވަހުގެ އިރުއޮއްސިއްޖެއެވެ. އަޔާންމެންގެ ގެ ވަނީ ކުލަބޮކިތަކުން ޖަރީކޮށްފައެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން މުޅިތަން ވަނީ ޒީނަތްތެރި ކޮށްފައެވެ. ކޮންމެ ކަމެއް ވެސް ކޮށްފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ. ކުލަބޮކިތަކާ އެކި ވައްތަރުގެ މާމަލުން ތަނުގެ ޒީނަތްތެރިކަން އިންތިހާއަށް ކޮށްފައިވާއިރު ދާނިޝްގެ މޫނުމަތިން ވެސް ފެންނަނީ ހަމަ އެ އުފާވެރިކަމާ ތާޒާ ކަމެވެ. އޭނާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދާ އެންމެ އިރެއްވެސް ނާދެއެވެ. މަޑު ނޫކުލައިގެ ކޯޓުފަޓުލޫނު ލައިފައި ހުރިއިރު އޭނާ ފެންނަނީ ވަރަށް ”ސްމާޓް” ކޮށެވެ. ކައިވެންޏަށް ބައިގަޑިއިރެވެ. ދާނިޝްގެ އުފާވެރިކަން ކިތަންމެ ބޮޑުވިޔަސް އެކައިވެނީގެ ސަބަބުން ހިތާމަކުރާ ބަޔަކުވެސް އެބަތިއްބެވެ. ހުދުކުލައިގެ މަޚުމާފޮތިން ޖަރީކޮށްފައިވާ ވެޑިންޑުރެސްގައި ނައިނާ އިނީ ލޯގަނޑު ކުރިމަތީގައެވެ. ކިތަންމެ ވަރަކަށް މޭކަޕް ކުރިނަމަވެސް އޭނާގެ މޫނުމަތިން ތާޒާ ކަމެއް ނުފެނެއެވެ. ހިނިތުން ވުމެއް ނުފެނެއެވެ. އިރުއިރުކޮޅަކާ ލޮލުން ކަރުތިއްކެއް ނިރާލައެވެ. ހަމަ އެހާމެ އަވަހަށް ޓިޝޫއަކުން އެކަރުނަތިކި ފޮހެލައެވެ. މިރޭ ނައިނާ ފެންނަ ކޮންމެ ފިރިހެނަކު ވެސް މޮޔަވާނެއެވެ. އެހާވެސް ނައިނާ ރީއްޗެވެ.

އެހާލުގައި އުޅޭ އެހެންމީހަކު ވެސް އެބައުޅެއެވެ. އަޔާންއެވެ. މަޑުނޫކުލައިގެ އަތްދިގު ގަމީހެއްލައި ކަޅުފަޓުލޫނެއް ލައިގެން ހުރިއިރު އަޔާން ވަރަށް ރީއްޗެވެ. ނައިނާއާ ގުޅެނީވެސް އަޔާންއާއެވެ. އަޔާން ތައްޔާރުވާތަން ބަލަން އިނީ އޭނާގެ މަންމައެވެ. އޭނާގެ ދަރިފުޅު އިރުއިރުކޮޅާ ލޯ ފުހެލައެވެ. އެއަށްވުރެ އަވަހަށް އަނެއް ކަރުނަތިކި ވެއްޓެއެވެ. އެކަމަކު މޫނުމަތިން އުފާވެރިކަން ދެއްކޭތޯ އަޔާން ވަރަށް މަސައްކަތް ކުރެއެވެ. އެމަންޒަރު ބަލަން އަޒީޒާއަށް ކެތެއް ނުކުރެވުނެވެ. ކޮޓަރިން ބޭރަށް ނުކުތީއެވެ. އެމަންޒަރު ފެނުނީ ފާރޫގަށެވެ. ފާރޫގުގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އަޒީޒާ ރޮނީ ކީއްވެބާއެވެ. އެވާހަކަ އަހަން އަޒީޒާ ގާތަށް ދާން ހިނގައިގަތް ވަގުތު ދާނިޝް އައިސް ވަނެވެ. ދާނިޝް ފެނުމުން ފާރޫގަށް ރޮވުނެވެ. ބޭބެމަތިން ހަނދާން ވުމުންނެވެ. ދާނިޝްއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ބައްޕަމަތިން ކުއްލިއަކަށް މާބޮޑަށް ހަނދާންވީއެވެ.

ކައިވެނިކުރަން ހަމަޖެހިފައިވާ މޭޒުކައިރިއަށް ގޮސް ދާނިޝް އޭނާއަށް ޚާއްޞަ ގޮނޑީގައި އިށީނެވެ. އިރުކޮޅަކުން ކައިވެނިކޮށްދޭ ޤާޟީވެސް ދުރުވެއްޖެއެވެ. އަޔާން އިނީ ކޮޓަރިން ނުކުންނަހާ ހިތްވަރު ނެތިފައެވެ. ނައިނާދެކެ އޭނާވީ ލޯބި އަދިވެސް ހިތުތެރޭގައި ތާޒާކަން މަތީގައި އެބަހުއްޓެވެ. އެލޯތްބަކަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެއެވެ. އެކަމަކު އެލޯބި ލިބުމަކީ ދެން ނުވާނެ ކަމެއްކަން ޚުދު އަޔާންއަށް ވެސް އެނގެއެވެ. ހިތްވަރުކޮށްފައި ކޮޓަރިން ނުކުތުމަށް އަޔާން ހިނގައިގަތެވެ. އެވަގުތު ނާމީ އައިސް އެކޮޓަރިއަށް ވަނެވެ. ނާމީ ފެނުމާއެކު އަޔާންއަށް ހަމަ ރަނގަޅަށް ރޮވުނެވެ. ނާމީ ހުރީ އެއްޗެއް ބުނަން ނޭނގިފައެވެ. ބުނާނީ ވަކި ކީކޭހެއްޔެވެ؟ އިރުކޮޅަކުން އަޔާން ރުއިން ހުއްޓާލައިފިއެވެ. އަދި މޫނު ރީތިކޮށްލުމަށް ފަހު ނާމީގާތު ހިނގާށޭ ބުންޏެވެ.

އަޔާންއާ ނާމީއާ ދެމީހުން ގޮސް ކައިވެނިކުރާ މޭޒުކައިރި ހުއްޓުނެވެ. އެވަގުތު ނައިނާއާ އޭނާގެ މަންމައާ ބައްޕަ ވެސް އައެވެ. ނައިނާ ފެނުމާއެކު އަޔާން ފިނިވިއެވެ. ގަނޑުވިއެވެ. ބާރަށް ހިތް ތެޅެން ފެށިއެވެ. އަޔާންގެ ލޮލުގެ ތެރެއިން ނައިނާފެނުނެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. އެކަމަކު އެމޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ނައިނާގެ މޫނު ފެނުމުން އަޔާން ވެސް ދެރަވިއެވެ. އެކަމަކު ދާންބެ މަތިން ހިތަށް އެރުމާއެކު މޫނު އަނބުރާލިއެވެ. ނުފެންނަ ކަމަށް ހެދިއެވެ. ނައިނާވެސް އަޔާންއަށް ބަލާލިއެވެ. އަޔާންގެ ފުރިހަމަކަން ނައިނާއަށް ފެނުނެވެ. ކިހާރީތި ހެއްޔެވެ؟ އެކަމަކު މިއަދު ކުރާނެ ކަމެއް ނެތެވެ.

ޤާޟީ ކައިވެނީގެ ޚުޠުބާ ފެށިއެވެ. ޚުޠުބާގެ އެންމެ ފަހުބައިން ޤާޟީއިއްވިއެވެ. ” އަނބިކޮށްދީފީމެވެ!” ދާނިޝް އަށް އެއަޑު އިވުނެވެ. ދާނިޝް އިސް އުފުލާލިއެވެ. ޖަވާބު ދިނެވެ…. ( ނުނިމޭ )

 

1 ކޮމެންޓް
Fathun
އޮކްޓޯބަރު 28, 2023
Mivarah lasvanya mi vaahaka dhen ninmaalunkanneyge rangalhuvaany