English Edition
Dhivehi Edition

(14 ވަނަ ބަޔާއި ގުޅޭ)

ދާންބޭ މަންމައާ ބައްޕައާ ވާހަކަދައްކައިގެން ތާރީޚު ހަމަޖައްސަންވީނު! އަހަރެން އެބަޖެހޭ މުހިއްމު ކަމަކު އޮފީހަށް ދާން! އަޔާން އެހެން ބުނީ އިތުރަށް އެތަނުގައި އިންނަން އުނދަނގޫ ވެގެނެވެ. ސިޓިންގރޫމުން ބޭރަށް ނުކުމެވުނީ ހަމަ ކިރިޔާއެވެ. އަޔާންގެ ބަޑި ފަޅައިގެން ދިޔައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރުގެ ނިމުން މިހާ ހިތިވެދާނެ ކަމަކަށް އޭނާ ޤަބޫލުކުރަން އުނދަގޫވިއެވެ. އެހެންނަމަވެސް ހަގީގަތް ވާނީ ހަގީގަތަށެވެ. އެއްކޮޅުން ދާންބެއެވެ. އަނެއްކޮޅުން ޖާނުދޭހާ ލޯބިވާ ނައިނާއެވެ. ހަތަރު އުދަރެސް ފުނެޖެހިފައިވާ އަޔާން ޖީބުން ފޯނުނަގާ ނާމީއަށް ގުޅިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ޖެހިގެން އައި ޑިސެމްބަރު މަހުގެ ތޭރަވަނަ ދުވަހަށް ދާނިޝްއާ ނައިނާ ކައިވެނި ކުރާ ގޮތަށް ހަމަޖެހުނެވެ. ނައިނާގެ ލޮލުން ކަރުނަ ހިކޭ އެންމެ އިރެއްވެސް ނާދެއެވެ. އަޔާން ހުންނަނީ ހުރިހާ ކަމެއް ވެސް އެތެރެއަށް ހިންދާ ލައިގެނެވެ. އަޔާން ފެންނަ ކޮންމެ ފަހަރަކު އަޒީޒާއަށް ރޮވެއެވެ. މައި ލަނގޮޑިއަށް ކެތް ނުވަނީއެވެ.

ކައިވެނީގެ ތައްޔާރީތަކުގައި ދާނިޝް އަވަދިނެތި އުޅެމުން ދިޔައެވެ. ނައިނާގެ ރީތިވާހަކަ އަބަދުހެން އަޔާން ގާތުގައި ދައްކަމުން ދިޔައެވެ. އަޔާން އެވާހަކަތައް އަޑުއަހަމުންދަނީ ނުހަނު އަސަރާއެކުގައެވެ. އެކަމަކު ބޭބެގެ ކުރިމަތީގައި އޭނާ ހިތްދަތި ކުރާކަން އެނގޭކަން އަޔާން ބޭނުމެއް ނުވެއެވެ. ދާންއަށް ކުޑަވެސް ޝައްކެއް ވާކަށް އަޔާން ބޭނުމެއް ނޫނެވެ. ކައިވެންޏަށް ތައްޔާރުވުމަށް ވާންޖެހޭ ކޮންމެ ތައްޔާރީއެއްގައި އަޔާން ޙަރަކާތްތެރިވަމުން ދިޔައީ ހިތުގައި އަތްއަޅައިގެނެވެ.

ނައިނާގެ ހާލަކީވެސް އެއީއެވެ. ކޮޓަރިން ނުނުކުމެ އަޔާންގެ ހަނދާނުގައި ރޮނީއެވެ. ރޮއިރޮއިފާ މޫނު ފުހެލުމަށް ފަހު އަނެއްކާވެސް ރޯން ފަށަނީއެވެ. ކެއުމެއް ބުއިމެއް ނެތެވެ. ނައިނާގެ ޚަބަރެއް ނުވެގެން ޝީނާ އެގެއަށް އައެވެ. ނައިނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނައިނާއަށް ޝީނާ ފެނުނެވެ. އޭނާއަށް ކެތެއް ނުކުރެވުނެވެ. ޝީނާގެ ގައިގާ އޮޅުލައިގަތެވެ. ގިސްލަގިސްލާފައި ރޯން ފެށިއެވެ. ” ނައިނާ ކިހިނެތްތަވީ..! ބުނެބަލަ! އަހަރެން ގުޅީމަ ފޯނެއްވެސް ނުނގަމެއްނު،، ޕްލީޒް ވެގެން އުޅޭގޮތެއް ކިޔައިދީބަލަ! ޝީނާ އާދޭސް ކުރަން ފެށިއެވެ. ޝީނާގެ ގައިން ދޫކޮށްލުމަށް ފަހު ނައިނާ ގޮސް އެނދުގައި އިށީނެވެ. އަތުގެ ނުފުށުން ދެލޯ ފުހެލިއެވެ. އަދި ކަންތައްވީ ހުރިހާ ގޮތެއް ކިޔައިދީފިއެވެ. ޝީނާ އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެންމެ ދެރަވީ އަޔާނަށްޓަކައި ޝީނާގެ ހިތުގައި އުފެދުނު އިޙުސާސްތަކަށެވެ.

‘ ޝީނާ އަހަރެން ދެން ކިހިނެތް ހަނދާނީ! އަހަރެން ބޭނުމެއް ނޫން ދާނިޝްއާ އިންނާކަށް! އަހަންނަކަށް ނުވާނެ އެކަމެއް! އަހަރެން އަޔާންދެކެ ހާދަ ލޯތްބެއް ވެޔޭ! އަޔާންއާ ނުލައި އަހަންނަކަށް ނޫޅެވޭނެ! އަނެއްކާވެސް ނައިނާ ރޯން ފެށިއެވެ. ޝީނާ، ނައިނާގެ ގާތަށް ޖެހިލުމަށް ފަހު ބުރަކަށީގައި ފިރުމާލިއެވެ. ” ނައިނާ ތިކަމުގަ އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް، މިހެން ބުނަންވެސް ދެރަވޭ! އެކަމަކު ނައިނާގެ މަންމަގެ ކުރުމަތީގައި އަހަންނަށް ކުރެވޭނެ ކަމެއް އޮންނާނެ ބާއޭ ހިތައްއަރާ! އެހެން ނޫނަސް މިހާރު ހުރިހާ ކަމެއްވެސް ތިއޮތީ ނިމިފަ! އަހަންނަށް މަޢާފުކުރޭ! ނައިނާގެ ތިޔަ ހިތްދަތި ދަތުރަށް އަހަރެން ހަމްދަރުދީވަން، ޝީނާއަށް ވެސް ރޮވޭގޮތް ވިއެވެ. ” އަހަންނަށް ވެސް އެނގޭ މިކަމުގަ ޝީނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަންވެސް،، އެކަމަކު،، އަޔާން،،، ނައިނާ އަނެއްކާވެސް އަޔާންމަތިން ހަނދާންކޮށް މޫނުވަތަށް ވެއްޓިގެން އޮވެ ރޯން ފެށިއެވެ. އެމަންޒަރު ބަލަން ޝީނާއަށް ކެތް ނުވެގެން ކޮޓަރިން ނުކުތީއެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅެލައިފިއެވެ. ޑިސެމްބަރު މަހެއްގެ ފަސްވަނަ ދުވަހެވެ. ހެނދުނުގެ ހިތްގައިމު ވަގުތެވެ. މާއިރާގެ އެ އަރާމު ވަގުތުކޮޅުވެސް ދެ ކޮޓަރިއެއްގެ ތެރޭގައި އެއް ވިންދެއްޖަހާ ދެ ޒުވާނަކު ގިސްލަނީއެވެ. އެމީހުންގެ ތަޤުދީރާ މެދުގައެވެ. ކިތަންމެ މޮޅަށް ކަންތައްތަކެއް ކުރެހިޔަސް ތަޤުދީރުގައި އެކަން ވާންނެތިއްޔާ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އަޔާން އޮތީ ފަތިސްނަމާދުން އައިގޮތަށް ނުނިދިފައެވެ. ނައިނާގެ މަތިން ހަނދާންވާތީއެވެ. ނައިނާގެ ކައިވެނީގެ ދުވަސް ކައިރިވަމުން އަންނާތީއެވެ. އެމަންޒަރު ބަލަން ބޭނުން ނުވިޔަސް ބަލަން ޖެހޭނެތީއެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. އެހާ ހެނދުނު އެގުޅަނީ ކާކުބާއެވެ. އަޔާން ފޯނަށް ބަލާލިއެވެ. ނުދަންނަ ނަމްބަރެކެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށް ފަހު ހެލޯއޭ ބުނެލިއެވެ. ” ހަލޯ މައި ޑިއަރ ކިހިނެތްތަ؟ ހަނދާންވެސް ނެތްދޯ މިހާރު އަހަރެން މަތިން! އެކަމަކު އަހަރެން ހަނދާނެއް ނުނެތޭ އަޔާން މަތިން! ރަސްމީ ދަތުރެއްގައި ތިޔަރަށަށް ދިޔަ ދުވަސްކޮޅު އަހަންނަށް ވެދިން އެހީތެރިކަން އުމުރު ދުވަހަށް ހަނދާން ހުންނާނެ،، އެހެން ބުނުމާއެކު އަޔާންއަށް އެއީ ކާކުކަން އެނގުނެވެ.

” އަސްތާ އަސްރާންތަ؟ ނޭނގޭނެއްނު،، ކިހިނެތް ހާލު،،، އެއީ ތެދެކެވެ. ރަސްމީ ދަތުރެއްގައި އަސްރާން މިރަށަށް އައިސް އުޅުނު ދުވަސްވަރު އެދެމީހުންގެ ގުޅުން ވަރަށް ބަދަހިވިއެވެ. އަޔާން އަކީ ހުރިހާ އެންމެނަށްވެސް އަޅާލާ އެހީތެރިވާ މީހެކެވެ. އަސްރާންއަކީ ކިތަންމެ މަޑުން ހުންނަ މީހެއް ނަމަވެސް އަޔާން ޖެހުމުން މިޒާޖަށް ބޮޑުބަދަލެއް އައި މީހެކެވެ. ” ހާދަ ރަނގަޅޭ ގުޅާލިކަން،،، މިރަށަށް ޖައްސާލަންވީނު،، އަޔާން އަސްރާނަށް ދަޢުވަތު ދިބެވެ.” ހިތަށް މިއަރަނީ މިޑިސެމްބަރުގަ ސްކޫލުތައް ބަންދުވީމަ ބޯހަމަޖައްސާލަން ތިރަށަށް ދާންވީއެވެ. ” އަވަހަށް އާދޭ،، އަސްރާނަށް ހަމަ އަހަރެންގެ ފުރިހަމަ މެހުމާންދާރީ ލިބޭނެ،،” އަހަންނަށް ތިކަން އެނގޭ،، އަސްރާން ޖަވާބު ދިނެވެ. ދެމީހުން ވަރަށް ގިނައިރުވަންދެން ފޯނުން ވާހަކަ ދެއްކިއެވެ. އަދި ޑިސެމްބަރުގައި އަޔާންމެން ރަށަށް އަންނަށް އަސްރާން ނިންމިއެވެ.

ފޯނު ބޭއްވުމަށް ފަހު އަޔާން އަވަސްވީ އޮފީހަށް ދިއުމަށް ތައްޔާރު ވުމަށެވެ. ފެންވަރަށް ވަދެވަދެ ހުއްޓާ ފޯނަށް އައީ މެސެޖެކެވެ.ނައިނާއެވެ. މެސެޖުގައި ވަނީ ހިތެކެވެ. ލޭއަންނަމުންދާ ހިތެކެވެ. ނައިނާ ބުނަން އެ އުޅެނީ ކޮންވާހަކައެއްކަން އަޔާން އަށް އެނގެއެވެ. ނައިނާގެ ހިތް ހަލާކުވި ވާހަކައެވެ. އަޔާންއަށް ފެންވަރާކަށް ނުދެވުނެވެ. އެނދުގައި އިށީނެވެ. ދެއަތުން ބޮލުގައި ހިފާލިއެވެ. އެ ހަނދާންތަކާ ދުރަށްދާން ބޭނުންވިޔަސް ދުރަކަށް ނުދެވުނެވެ. ނައިނާގެ އެ ނިޔަނެތިކަން ސިފަ ވަނީއެވެ. ހާދަ ލޯތްބެއް ވެއެވެ. އެކަމަކު މިހާރު އެއީ ބޭބެގެ ހައްޤެކެވެ. އަހަރެންގެ ހައްޤެއް ނޫނެވެ. އަމިއްލަ ހިތުން އަޔާން ވާހަކަ ދައްކަމުން ދިޔައެވެ. މެސެޖަށް ރިޕުލައިދޭހާ ހިތްވަރު ނެތިގެން އަޔާން ފާޚާނާއަށް ވަނެވެ. ތައްޔާރުވެގެން އޮފީހަށްދާން ނުކުތްތަނުން ދާންއާ ދިމާވިއެވެ.” އަޔާން ކައިވެނީގެ ދަޢުވަތުކާދު ތައްޔާރު ކުރަންވާނީ އަޔާން! ތިއީ ކޮމްޕިޔުޓަރުގެ މަސައްކަތަށް މޮޅުމީހެއްނު! އެހެން ނޫނަސް އަޔާންއެއްނު ހުރީ ހުރިހާ ކަމެއްވެސް ކޮށްދެން، އަޔާންއަށް ފެންނަ ރީތިގޮތަކަށް ކާޑު ފަރުމާކޮށްލާ! އެންމެ ރަނގަޅު ނައިނާއަށް ގުޅާލައިގެން އޭނާގެ ޚިޔާލެއް ހޯދިޔަސް،، އަހަރެން މިދަނީ މިއަދު މާލެދާން! ކައިވެންޏަށް ހޯދަންޖެހޭ ބައެއް އެއްޗެހި ހުރީމަ! އެންމެ ރަނގަޅުތަ! އެހެން ބުނުމަށް ފަހު ދާން ހިނގައްޖެއެވެ.

އަޔާން ހުރީ ބަސް ހުއްޓިފައެވެ. ބުނާނީ ވަކި ކީކޭހެއްޔެވެ! ކުރާނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ ކުރަން މިޖެހުނީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ނައިނާއަށް ގުޅާނެހާ ހިތްވަރެއް ނެތެވެ. ދަޢުވަތު ކާޑު…. އަޔާންއަށް ކިޔާލެވުނެވެ. ދަޢުވަތު ކާޑު.. އަނެއްކާވެސް އަޔާނަށް ކިޔާލެވުނެވެ. އެއާއެކު އޭނާގެ ދެލޯ ފެންކަޅިވިއެވެ. ( ނުނިމޭ )