English Edition
Dhivehi Edition

އެއާއެކު އޭނާގެ ދެލޯ ފެންކަޅިވިއެވެ. ހިތްވަރުކޮށްފައި އަޔާން ނުކުތީ އޮފީހަށް ދެވޭތޯއެވެ. ނިންމަންޖެހޭ އެތައް މަސައްކަތެއް އެބަހުއްޓެވެ. މިއީ ކުރިން އަޔާން ކުރާ ކަމެއް ވެސް ނޫނެވެ. މަސައްކަތްތައް ފުނިޖަހާފައި ބެހެއްޓުމަކީ އޭނާ އެންމެ ފޫހިވާ ކަންތަކެވެ. އޮފީހުގައި އުޅޭ ބައެއް މީހުންގެ ފަރާތުން އެކަންތައްތައް ފެންނަމުންދާތީ އޭނާ އެކަމަށް އެމީހުންނަށް ނަޞޭޙަތްތެރި ވެއެވެ. މިއަދުގެ މުޖުތަމަޢުގައި ވެސް މިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ރަސްމީ ގަޑިތަކުގައި މަސައްކަތް ނުކޮށް ވަގުތުތައް ބޭކާރު ކުރާ އެތައް މުވައްޒަފުންނެތް އެބަ އުޅެއެވެ. ނަމަވެސް ވަގުތަށް ކަމޭހިތައި އިޚުލާޞްތެރިކަމާއެކު މަސައްކަތް ނިންމާ މުވައްޒަފުން ވެސް އުޅޭކަން އަޔާން ވެސް ޤަބޫލު ކުރެއެވެ.

މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ނައިނާ ގުޅިއެވެ. އަޔާނަށް އެފޯނެއް ނަގާކަށް ނުކެރުނެވެ. ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫނެވެ. ނައިނާ ހިތްދަތިވާނެ ވަރު އެނގޭތީއެވެ. ދެވަނަ ފަހަރަށް ނައިނާ ގުޅިއެވެ. ވަރަށް ހިތްވަރުކޮށްފައި އަޔާން ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ.އަކުރުތައްތައް ވަކިން ކަހަލަ ގޮތަކަށް ނައިނާއަށް އަޔާންގެ ނަން ކިޔާލެވުނެވެ. ދެން އިވުނީ ރޯންފެށި އަޑެވެ. އެއަޑު އަހަން އަޔާންއަށް ކެތެއް ނުވިއެވެ. ފޯނު ބޭއްވީއެވެ. ނިވާލީއެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުތީ އެއްވެސް ކަމެއް ވީކަމަށް ނުހަދައެވެ. އެތެރެހަށިން ކިތަންމެ ވަރަކަށް ހިތް ރުޔަސް ކުރެވޭނެ ހަމަ އެއްކަމެއް ވެސް ނެތީމައެވެ.

މެންދުރުގެ ވަގުތެކެވެ. އަވިގަދަކަމުން މަގުމަތީގައި މީހުން ވަރަށް މަދެވެ. ދިލަ އަތްވެކެވެ. އެހެން ނަމަވެސް ހިސާބަކަށް ނަލަ ވައިރޯޅި ޖެހެމުން ދިޔައެވެ. އޮފީހުން ހުސްވަގުތުކޮޅެއް ލިބުމުން އަޔާން މިސްރާބުޖެހީ ނާމީއާއެކު ފިނިއެއްޗެއް ބޯލުމަށް ކެފޭއަކަށް ދިޔުމަށެވެ. ހިތަށް ހަމަޖެހުމެއް ހޯދުމުގެ އުއްމީދުގައެވެ. ފުރެޝް އޮރެންޖަކަށް އޯޑަރު ދިނުމަށް ފަހު ކަންތައްތައް ވީގޮތް ނާމީއަށް ކިޔައިދިނެވެ. ނާމީގެ އޮތީ އެންމެ ވާހަކައެކެވެ. ދާނިޝްގާތު ހުރިހާ ވާހަކައެއް ކިޔައިދިނުމެވެ. ނައިނާއަކީ އަޔާންގެ ހައްޤެއްކަމެވެ. އެ ހައްޤު ނިގުޅައިގަތުމުގެ ބާރެއް ދާނިޝްއަކަށް ނެޔެވެ. ” އަޔާން ޕްލީސް އަހަރެން ދާނިޝްގާތު ތިވާހަކަ ދައްކަފާނަން! އަޔާން ބުނޭ .. މިހާރުވެސް އަހަރެން ގުޅާފާނަން..!” ނޫން ނާމީ،، ދާންގެ އެ އެކަނިވެރިކަމަށް އެހީތެރިކަމެއް ވާންހުރީ އަހަރެން،، އަހަރެންގެ ދެއަތުން ދާންއަށް ދެރައެއް ދޭކަށް އަހަނަކަށް ނުކެރޭނެ…! އެހެން ނޫނަށް ކައިވެންޏަށް ފަހު ނައިނާވެސް ހަމައަކަށް އެޅޭނެ.. މީ އަހަރެންގެ ތަޤުދީރު،، މިޞަފުހާ ދެން ބާއްވަމާ… އަޔާން ހާމަކުރީ އޭނާގެ ހިތުގައި އުފެދެމުން ދިޔަ އިޙުސާސްތަކެވެ.

އާދައިގެ މަތިން ދުވަސްތައް ގުނެމުން ދިޔައެވެ. ނައިނާގެ ހިތްދަތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަޔާންއާ ބައްދަލެއް ވެސް ނުވެއެވެ. އަޔާން އެކަމަށް އިންކާރު ކުރާތީއެވެ. ޑިސެމްބަރުމަހުގެ 10ވަނަ ދުވަހެވެ. ނައިނާއާ ދާނިޝްގެ ކައިވެންޏަށް ބަރާބަރު ތިން ދުވަހަށް ވީއެވެ. ދާނިޝް މާލެއިން އައީ ކައިވެންޏަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހިފައިގެނެވެ. މުއްސަނދިކަން ލިބިފައިވާ މިންވަރު މިކައިވެނިން ދައްކާލަށް އޭނާ ބޭނުންވިއެވެ. ހަމައެކަނި އެކަމެއް ނޫނެވެ. ނައިނާ ލިބޭތީ ވެސް ދާނިޝް ބޭނުންވަނީ ކައިވެނީގެ ހުރިހާ ކަމެއް ވީ އެންމެ ކުލަގަދަކޮށް ގެންދާށެވެ. ދާނިޝްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން އޭނާގެ ޙަރަކާތްތަކުން ވެސް ފެންނަމުން ދިޔައެވެ.

ކައިވެނީގެ ކުރީ ދުވަހެވެ. ގޭތެރެ ތައްޔާރު ކުރުމުގައި އަވަދިނެތި އެންމެވެސް އުޅެމުން ދިޔައެވެ. ކަމެއް ވެގެން އުޅޭހެން ވެސް އަޔާންގެ މޫނުމައްޗަކުން ނުފެނެއެވެ. އެމޫނުމަތީގައިވާ ހިތްދަތިކަން ފެންނަނީ ނާމީއަށާ އަޔާންގެ މަންމައަށެވެ. ކުލަބޮކިތައް އަޅަންވެގެން ނާމީއާ އަޔާން އުޅުނެވެ. ދާނިޝްއައީ ދަޢުވަތުކާޑުތައް ބެހުމަށް ބަޔަކާ ހަވާލުކުރުމަށް ފަހު އަޔާންއަށާ ނާމީއަށް ކާޑެއް ދިނުމަށެވެ. ޖެއްސުން ކޮށްލުމުގެ ނިޔަތުގައެވެ. ” އަން މިއޮތީ ތިދެމީހުންގެ ކާޑު،! ތި ދެމީހުންވާނެ ކޮންމެހެން ވެސް އަންނަން.. މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ގެންނަމުން ދާނިޝް އެ ދެމީހުންނާ ޖެއްސުން ކޮށްލިއެވެ. އެތެރެހަށިން ނާމީ ކެކިއަރައިގަތެވެ. އެއްޗެއް ބުނަން އަނަގަ ހުޅުވާލިވަގުތު ލޮލުގެ އިޝާރާތުން އެކަން ހުއްޓުވީ އަޔާނެވެ.

” ދާންބެ ދެން ދޯ… ކީއްވެ އަހަރެމެންނަށް ކާޑު ތި ދިނީ… އަހަރެމެން ދެން އަންނާނެއްނު ދޯ ނާމީ.. އަޔާން އަވަހަށް ނާމީއަށް ދޯ ދިނެވެ. ނާމީ ހިތްހަމަ ނުޖެހި ހުރެ ރުންކުރު ރާގަކަށް އާއެކޭ ބުންޏެވެ. ” އަޔާން އެބަ އެތޯ ސުވާލެއް! ދާނިޝް އެހެން ބުނުމުން އަޔާންގެ ހިތް ތެޅިގަތެވެ. ނާމީއަށް ވެސް ކުއްލި ސިހުމެއް ލިބުނެވެ.” ” ކޮންކަހަލަ ސުވާލެއް! އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަޔާން އެހިއެވެ. ” މިސާލަކަށް އަހަރެން ނައިނާއާ ނުއިނިއްޔޯ….! އެހެންވިއްޔާ އަޔާން ނައިނާއާ އިންނާނަންތަ؟ ދާނިޝް އެސުވާލުކުރީ ސީދާ އަޔާންއަށް ބަލަން ހުރެގެނެވެ. އަޔާން ހުއްޓުން އެރިއެވެ. ދެލޯ ފެންކަޅިވިއެވެ. ނާމީއާ ދިމާއަށް ބަލާލިއެވެ. ” ތީ ކޮންކަހަލަ ސުވާލެއް.. ކައިވެންޏަށް އެއްދުވަހަށް ވީ! ނާމީ އެހެންބުނީ ހިސާބަކަށް ރުޅިއައިސް ހުރެއެވެ. އަތުގެ ނުފުށުން ލޯ ފުހެލުމަށް ފަހު އަޔާން އަނެއްފަރާތަށް އެނބުރި ބޮކފަތިތައް އަޅަން ފެށިއެވެ.

” އައްދެ ތި ދެމީހުން ހާދަ ސީރިއަސްވީ.. އަހަރެން މަޖަލަކަށް ކުރި ސުވާލެކޭ އެއީ…އެކަމަކު އަޔާންއަށް ރޮވުނީ ކީއްވެތަ؟ ދާނިޝް އެހިއެވެ. ” ކައިވެންނަށް މިހާ ކައިރިވެފަ އޮތް އިރު ދާންބެ އެކަހަލަ ޅައެއްޗެއް އަޅާފާނެތީ ދެރަވީ.. އެހެންވެ… ދެރަވާނެއެއްނު،،، އަންހެންކުއްޖަކަށް އެހާބޮޑު ލަނޑެއް ދޭކަށް ނުވާނެއެއްނު! އަޔާން ވާހަކަދެއްކީ ބޮކިފަތިތައް އޮޅުންފިލުވަމުން ހުރެއެވެ. ” އަންހެން ކުއްޖަކަށްތަ؟ ނޫނީ ނައިނާ އަށް ލަނޑެއް ދީފާނެތީތަ؟ ދާނިޝް އަނެއްކާވެސް ސުވާލުކުރިއެވެ. އޭނާ ހީވަނީ ކޮންމެވެސް އެއްޗެއް އެނގިގެން އުޅޭހެންނެވެ. ” އާނ،،، އުހުނ… ނޫން… އަޔާންއަށް ކުޑަކޮށް އޮޅޭގޮތް ވިއެވެ. ” ދާންބެ ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ… އަވަސްކޮށްގެން މިކަންތައްތައް ނިންމާލެވޭތޯ އުޅެބަލަ! އަޔާން ތަންކޮޅެއް ބާރަށް ބުންޏެވެ.

އަޔާން އެހެން ބުނުމުން ދާނިޝް ވެސް އަވަސް އަވަހަށް މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އަޔާންއަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ. ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެތަން ފެނުނީ ނާމީއަށެވެ. ” އަޔާން ހިނގާބަލަ ޒާމިލްމެންގޭގަ ހުރި ބޮކފަތިތައް ބަލާ،،، އެބަލާ ދާނަމޭ ކިޔާފައޭ މަ މިއުޅެނީ.. ނާމީ ބޭނުންވަނީ އެތަނުން އަޔާން ގެނދާށެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް މެއެވެ. ނާމީމެން ކަހަލަ ރައްޓެހިން މިޒަމާނުގައި ވަރަށް މަދުވާނެއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނާމީ އަޔާންގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. އެއާއެކު އަޔާންއަށް ހަމަ އަސްލުވެސް ރޮވުނެވެ. ( ނުނިމޭ )

 

 

1 ކޮމެންޓް
Fathin
ސެޕްޓެމްބަރު 8, 2023
Mee kohme month aku ehfaharu update vaa waahakaeh