އެއާއެކު އަޔާންއަށް ހަމަ އަސްލު ވެސް ރޮވުނެވެ. ”ވަގުތުގެ ބޭނުން ހިފަން އަޔާންއަށް ނޭނގުމުން ނާމީ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އެއްވެސް އެއްޗެއް ނުބުނުމުން ނާމީ ހުރީ ހިތްހަމަ ނުޖެހިފަކަން ވެސް އަޔާން އަށް އެނގުނެވެ. ” އަހަންނަށް އެނގޭ ނާމީ ތިހުރީ ހިތްހަމަ ނުޖެހިފަކަން! އެކަމަކު އަހަރެން ކީއްކުރާނީ! އަހަންނަކަށް ނުކެރޭނެ ދާންބެ ކުރިމަތީގަ އެވާހަކަ ބުނާކަށް! ނާމީގެ ކޮނޑުގައި އަތް އަޅާލަމުން އޔާން ބުންޏެވެ. އެހެން ނޫނަސް ކައިވެންޏަށް އެންމެ ދުވަހަކަށް ވީމަ އާއިލާ މީހަކަށް ހަރާމް ކޯރުވުމަކީ ކިހާ ގޯސްކަމެއް! އަހަންނަކަށް ހަމަ ހިލާ ދާންބެ ގާތު އެވާހަކަ ދައްކާކަށް ނުކެރޭނެ! އަޔާން މަސައްކަތް ކުރީ ނާމީއަށް ހަގީގަތް ހާމަ ކޮށްދެވޭ ތޯއެވެ.
”އަހަންނަށް ހީވަނީ ދެން އެންމެ ރަނގަޅުވާނީ ނައިނާ މަތިން ހަނދާން ނައްތާލުންހުން ހެން!” އަޔާން ވަރަށް ހިތްވަރު ކޮށްފައި ބުންޏެވެ. އެހެން ބުނިއިރުވެސް އަޔާންގެ ދެލޯ ފެންކަޅި ވެފައި ހުރި މަންޒަރު ނާމީއަށް ފެނުނެވެ. ”އަހަންނަށް އެނގޭ އަޔާން ތިޔަވާހަކަ ތިބުނަނީ ދުލުންކަން! ހިތަކުން ނޫންކަން! އަހަރެން އަދިވެސް ބުނާނީ އަދިވެސް ވަގުތު އެބައޮތޭ! ދާނިޝްގާތު ބުނާށޭ! ދެން އަޔާންއަށް ފެންނަ ގޮތަކަށް ކަންތައްކުރޭ! އަހަރެން ބަލާނަން އަބަދުވެސް ގާތުގަ ހުރެވޭތޯ! ނާމީ އެހެން ބުނީ ކޮންމެސް ވަރަކަށް ހިތްހަމަ ނުޖެހި ހުރެއެވެ.
ދެމީހުން ވާހަކާގައި ތިއްބާ ދާނިޝް އައެވެ. ”ކޮބާ ބޮކިފަތި ހިފައިގެންތަ ތިއައީ؟ އެވަގުތު ނާމީއާ އަޔާން އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. ” ނޫން ޒާމިލް ގުޅާފަ ބުނީ އެ ހިފައިގެން އަންނަވާހަކަ! އެހެންވެ މިތާ ތިބީ! ނާމީ އަވަހަށް ވާހަކަ އޮޅުވާލިއެވެ. ތިވީ މާރަނގަޅަކަށްނު! ހިނގާބަލަ މަށާއެކު ތަނަކަށް! ކޮންތާކަށް! އަޔާން އެހިއެވެ. ”އާދެބަލަ ސައިކަލަށް އަރައިގެން މަގޭފަހަތުން! ދާނިޝް އެހެން ބުނީ ވަރަށް އުފަލުން ހުރެއެވެ. އެވަގުތު އަޔާންގެ ހިތް ބާރަށް ތެޅިގަތެވެ. ހިތްބުނާ ކަހަލައެވެ. ދާން އެއުޅެނީ ނައިނާމެން ގެއަށެވެ. އިތުރު ގޮތެއް ނެތިގެން އަޔާން ނާމީގެ ސައިކަލު ފަހަތަށް އެރިއެވެ. ދާނިޝް ވެސް ސައިކަލަށް އަރައި ދުއްވާލިއެވެ.
ކަންތައްވީ އަޔާންގެ ހިތްބުނި ގޮތަށެވެ. ދާނިޝް މަޑުކޮށްލީ ނައިނާމެންގެ ގެއަށެވެ. ނާމީ އަޔާންގެ މޫނަށް ބަލާލިއެވެ. އަޔާން އިސްޖެހިއެވެ. ދާނިޝް އައިގޮތަށް އައިސް އަޔާންގެ އަތުގައި ހިފިއެވެ. އެތެރެއަށް ހިނގާށޭ ކިޔާފައެވެ. އަޔާންއަކަށް އިތުރު ގޮތެއް ނެތެވެ. ތިންމީހުން އެއްކޮށް އެތެރެއަށް ވަނެވެ. ނައިނާގެ މަންމަ އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ” މަންމަ ގުޅާފަ ބުނީ އެހާ ބުރަކޮށް މަސައްކަތް ކުރާތީ ނުވަގަޑިއެއް ހަދާލަން މިގެއަށް އަންނަން ދޯ މަންމާ! ދާނިޝް އެހެން ބުނުމުން ނައިނާގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ. މަންމަ ކިޔާތީއެވެ. އަޔާންގެ ހިތަށް ހީވީ ދޮން ދަގަޑެއް ހަރާލިހެނެވެ. ނައިނާގެ މަންމައަށް ދާންބެ މަންމަ ކިޔުމުންނެވެ. އަޔާން ވެސް އެކަމަށް ކިހާ ފޮނި އިންތިޒާރެއް ކުރި ހެއްޔެވެ؟
ދާނިޝްމެން ދިޔައީ ނައިނާމެންގޭ ކާކޮޓަރިއަށެވެ. މޭޒުކައިރީގައި އިށީނެވެ. ޖޫހާ ބިސްކޯދެވެ. ތެލުލިބަނބުކޭލާ ކުޅިކާޖާއެވެ. ދޮންކޭލާ ކުކުޅުބިހެވެ. ” މަންމާ ހާދަ ބައިވަރެއް! ދާން ނައިނާގެ މަންމަގެ މޫނަށް ބަލަން ހުރެ ބުންޏެވެ. ”މީދެން އަދި ބޮޑުވަރެއް ނޫނެއްނު! ދަރިފުޅުމެން ތިޔައުޅެނީ އެހާ ބުރަކޮށް! މަންމަ ހިތަށްއެރީ ކުޑަގޮތެއް ހަދާލާނަމޭ! ނައިނާގެ މަންމަ ވަރަށް ތުއިގޮތަކަށް ބުންޏެވެ. ”ކޮބާ ނައިނާ! ދާނިޝް އެހިއެވެ. ތަށިން ނަގަނަގާއޮތް ދޮންކެޔޮވައް އަޔާން އަތުން ދޫވިއެވެ. ނައިނާގެ ނަން އަޑުއިވުމުންނެވެ. ހިތް ތެޅިގަތެވެ. ނައިނާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ އަޔާން ދެލޯ މަރާލިއެވެ. އެމަންޒަރު ފެނުނީ ނާމީއަށް އެކަންޏެވެ. އެއީ ކިހާ ހިތްދަތި މަންޒަރެއް ހެއްޔެވެ؟ ނާމީގެ ހިތުގައި އަޔާންއަށް އެތައް ހަމްދަރުދީއެއް އުފެދުނެވެ. އަޔާންއަށް ވާނެގޮތަކާމެދު ނާމީ ދެރަވިއެވެ. ” ދަރިފުޅާ ނައިނާ އާދެބަލަ ކާކޮޓަރިއަށް! ނައިނާގެ މަންމަ ގޮވާލިއެވެ. އަޔާން ތުރުތުރު އަޅަން ފެށިއެވެ. ކުޑަކޮށް އިސްދަށަށް ޖަހާލިއެވެ. އެކަމަކު މިފަހަރު ނައިނާއާ ހަތަރުކަޅި ހަމަކުރަން ޖެހޭނއެވެ. އެގެއަށް ބަޔަކު އައިކަމެއް ނައިނާއަކަށް ނޭނގެއެވެ. އޭނާގެ މަންމަ އެވާހަކައެއް ނައިނާގާތަކު ނުބުނެއެވެ. މަންމަ ގޮވާލި އަޑަށް ނައިނާ ކޮޓަރިން ނުކުތެވެ. މަޑުމޮޅިކަމާއެކު ކާކޮޓަރިއާ ދިމާއަށް ދިއުމަށް ހިނގައިގަތެވެ. ފާރުކައިރީގައި ބަހައްޓާފައި ހުރި ގަސްމުށިގަނޑެއްގައި ނައިނާގެ ފައިޖެހުނެވެ. އޭނާއަށް ތަދުވެގެން ފަޔަށް ބަލައިލެވުނެވެ. ހިތްބުނާ ކަހަލައެވެ. ކާކޮޓަރިއަށް ނުދާށެވެ.
އެކަމަކު މަންމަ ގޮވީމައި ނުގޮހެއް ވެސް ނުވާނެއެވެ. ބުނަން ނޭނގޭ ކަހަލަ ހިތްތެޅުމެއް އިހުސާސްވަމުން ދިޔައެވެ. ކާކޮޓަރީގެ ދޮރުމައްޗަށް އެރުމާއެކު ނައިނާގެ ދެލޯ ބޮޑުވިއެވެ. ފުރަގަހުން ނަމަވެސް އޭނާއަށް އަޔާން ފާހަގަ ކުރެވުނެވެ. ދާނިޝް ނައިނާއަށް ބަލައިލިއެވެ. ނައިނާ ބެލީ އަޔާން އަށެވެ. އަޔާން އިނީ އިސްދަށަށް ޖަހައިގެނެވެ. ނާމީ އިނީ އަޔާންއަށް ބަލަހައްޓައިގެނެވެ. ”ނައިނާ! ދާނިޝް ގޮވާލިއެވެ. އަޔާންގެ ހިތް ހުއްޓުނު ކަހަލައެވެ. މުޅިމީހާ ފިނިވިއެވެ. ނައިނާ އައީއެވެ. އެފަކީރަށް ވާނީ ކިހިނެތްބާއެވެ. އަޔާން ވިސްނަމުން ދިޔައީ ނައިނާއާ ދޭތެރެއެވެ. ”ކީއްވެ ތިތާ ތިހުރީ އާދެބަލަ ދާނިޝްމެނަށް ފެން އަޅައިދެން، މަންމަ އެބަ އަންނަށް ދުފާތަށި ތައްޔާރުކޮށްލާފަ! ނައިނާގެ މަންމަ ބުންޏެވެ.
މަޑުމަޑުން ހިނގަމުން ނައިނާއަށް ކާމޭޒުކައިރިއަށް އާދެވިއްޖެއެވެ. އިސްއުފުލާ ބަލާކަށް ނުކެރުނެވެ. ހިތްވަރު ނެތީމައެވެ. ދާނިޝް ކަޅިޖަހާނުލައި ނައިނާއަށް ބަލަން އިނެވެ. އަޔާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުނީ ނާމީއަށެވެ. އަވަސްއަވަހަށް އަޔާންގެ އަތުގެ ނުފުށުން އެ ކަރުނަތިކި ފުހެލިއެވެ. ނައިނާއަށް އަޔާންގެ މޫނަށް ބަލައިލެވުނީ އެވަގުތުއެވެ. އަޔާން ރޮނީކަން ނައިނާއަށް އެނގުނެވެ. ކުރިއަށްވުރެ ބޮޑަށް ނައިނާ ދެރަވިއެވެ. ތަށި ބޭރަށް ފެން އެޅުނުއިރު ވެސް ނައިނާއަކަށް ނޭނގުނެވެ. ” ދެން އެންމެ ރަނގަޅު މިހާރު ތަށި ފުރިއްޖެ! ދާނިޝް އެހެން ބުނި އަޑަށް ނައިނާއަށް ސިހުންވިއެވެ. އަދި މޭޒުމަތީގައި ޖަގު ބެހެއްޓިއެވެ.
”ހަލޯ އަޔާން ޖީބުން ފޯނުނަގައި ކަންފަތުގައި ޖަހާލިއެވެ. އާ ހަމަ މިހާރު މިދަނީ! ”ދާންބޭ މަންމަ ބުނީ ވަރަށް އަވަހަށް ގެއަށް ޖައްސާލަދޭށޭ! އަހަރެން މިދަނީ ނާމީ ގޮވައިގެން! ބޮޑުކަމެއް ވީކީ ނޫނޯ މަންމަބުނީ! ދާންބެ އާދޭ ނިމުނީމަ! އަޔާން އަވަސް އަވަހަށް އެތަނުން ނުކުތެވެ. ދާނިޝް އިނީ ވަރަށް އުފަލުންނެވެ. ނައިނާއާއެކު އެކަނި ވަގުތުކޮޅެއް ލިބުނީމައެވެ. ނައިނާގަތީ ބިރެވެ. އޭނާ އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އަވަހަށް ދާން ބޭނުންވިއެވެ. ”ނައިނާ އާދެބަލަ މިތާ އިށީންނަށް! ދާނިޝް އެހެން ބުނުމުން ނައިނާ ވަރަށް ބޮޑަށް ހާސްވިއެވެ. އެކަމަކު އިތުރު ގޮތެއް ވެސް ނެތެވެ. ދާނިޝް އެކަނި ބަހައްޓާފައި ދިޔަކަން އެނގިއްޖެއްޔާ މަންމަ ވަރަށް ރުޅިއަންނާނެއެވެ. މަޑުހިނގުމެއްގައި ނައިނާ އައިސް ދާނިޝްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އިސްދަށަށް ޖަހާލިއެވެ. ( ނުނިމޭ )