އެމްޑީޕީ އަކީ ވެރިކަން ކުރަން “ސުމެއް”ގެ ޕާޓީއެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ މަސައްކަތަކަށް ވާނީ މަގުމަތީގައި އެމްޑީޕީ ދާއިމަށް ބޭތިއްބުންކަމަށް ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނަލް ސަރވިސް އިން ރައީސް ޔާމީންގެ ބަންދަށް ދިން ލުޔާއެކު އެ މަނިކުފާނު ވަނީ ސިޔާސީ މަސައްކަތްތަކަށް އަނެއްކާވެސް އެބުރި ވަޑައިގެންފައެވެ، މި ގޮތުން ރޭ ޕީޕީއެމް އިން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މަގުމަތީގައި ދެން ތިބޭނީ އެމްޑީޕީކަމަށާ އެ ޕާޓީ އަކީ އެކަމަށް ފަރިތަ، މޮޅު ބައެއްކަމަށެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ވޭދުވެ ދިޔަ ފަސް އަހަރު ދިވެހިންނާ، ރާއްޖޭގެ ތިބި ހުރިހާ މުވައްސަސާއެއް ތިބީ މަގުމަތިވެފައިކަމަށެވެ. އަދި މި ފަސް އަހަރަކީ ލަދުވެތި އެންމެ ހަޑިހުތުރުކޮށް ޑިމޮކްރެސީއަށް މަލާމަތްކުރި ފަސްއަހަރުކަމަށް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ. އަދި އެކަންކަން އަމިއްލަ އިސްނެގުމުގެ މަތިން ބަލާނެ އެއްވެސް މުވައްސަސާއެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ. މުޅި ދައުލަތް ބޮއްސުންލައިގެން ފެއިލްވެގެން ދިޔައިރުވެސް ޖުޑިޝަރީއިންވެސް އިހްތިޔާރުކުރީ ހަނުހުރުމުގެ ހައްގުމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“ކޮން ބައެއްތޯ ހިތަށް އަރާނީ މި ވަރުގެ ޖައްބާރު މި ވަރުގެ ވަރުގަދައަދި ތަނަވަސްކަމާ ހުރުހާ ބާރެއް އެބައެއްގެ އަތްމަތީގައި އޮތް އެބަޔަކު ކުރި އެއްވެސް ކަމެއް ބެލުމުގެ ބާރު ތި ފަހުރުވެރިވާ ގާނޫނު އަސާސީން ދީފައިވާ މުވައްސަސާތަކުން ކުރި އިރު ޖަވާބު ދާރީ ކުރުވޭނެ ހަމައެއް ގޮތެއްވެސް ނެތް” ރައީސް ޔާމީން ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ޔާމީންވަނީ އެ މަނިކުފާނު ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު އިހްލާސްތެރިކަމާއެކު މަސައްކަތްކޮށް ދެއްވި ހުރިހާ އެންމެންނަށް ޝުކުރުއަދާކުރައްވާފައެވެ.