English Edition
Dhivehi Edition
ހދ. މަކުނުދޫ

ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލެންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި ދެ ބިދޭސީންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނާއި އެ ރަށުގެ ނަރުދަމާ މަސައްކަތަށް ބޭނުންވާ ސާމާނު ހުންނަން ސައިޓު ސަރަހައްދުގައި ހިނގި މި ހާދިސާގައި މަރުވީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ކުދިކުދިވެފައިވާއިރު ފުލުހުން ވަނީ އިތުރު ތަހުގީގަށް އެމީހުންގެ ހަށިގަނޑިގެ ބައިތައް މާލެ ގެނެސްފައެވެ. މިއަދު ފުލުހުން ބުނީ މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށްޓަކައި އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށާއި އުޅަނދުތަކަށް ގެއްލުން ލިބިފައިވާއިރު އެމްއެންޑީއެފް އާއި ފުލުހުންގެ ފޮރިނިސްކް ގުޅިގެން ކުރަމުން އަންނަ ތަހުގީގުގައި އެ ސަރަހައްދަށް ލިބުނު ގެއްލުން އަންނަނީ ބަލަމުންނެވެ.