ހދ. މަކުނުދޫގައި އަޅާ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ބާރުގަދަ އެއްޗެއް ގޮވައި ދެމީހަކު މަރުވެއްޖެއެވެ. މަކުނުދޫގައި އެއަރޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ސައިޓުގައި ހިނގި މިޙާދިސާގައި ނިޔާވީ އެތަނުގައި މަސައްކަތްކުރާ ބިދޭސީ 2 ފިރިހެނުން ނެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިޙާދިސާ ހިނގީ އެސަރަޙައްދުގައި ވެލްޑިންގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ.
މިޙާދިސާގައި މަރުވި އެކަކުގެ ބޯ ވެސް އޮތީ ހަށިގަނޑާ ވަކިވެ މާދުރަށް ވިއްސައިގެން ގޮސްފައިކަމަށް މަންޒަރު ދުށް މީހަކު ކިޔައިދިނެވެ. އަނެއް މީހާވެސް މަރުވެފައިވަނީ ބޮޑެތި ޒަޚަމްތަކާއެކުގައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުތައް އެ ރަށަށް ދަތުރުކުރަމުންދާތީ މަރުވި މީހުންގެ ހަށި ތައް އަދި އެތަނުން ނަގާފައި ނުވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
މަކުނުދޫ ބަނދަރު ސަރަހައްދުގައި ހިނގި މިޙާދިސާއާއި ގުޅިގެން އެސަރަޙައްދު ބަންދުކޮށް އެތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ތަހުގީގުގައި އެމްއެންޑީއެފުން ވެސް ބައިވެރިވަމުންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.