English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފެނަކަ އައު އޮފީސް ޢިމާރާތް އަދި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އައު އިންޖީނުގެއާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، އެމަނިކުފާނު އިއްޔެ ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހދ. މަކުނުދޫގައި ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ހދ. ކުމުންދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ ވެސް ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 760 ކިލޯވޮޓުން 1000 ކިލޯވޮޓަށް އިތުރުކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.