އިއްޔެ ހަވީރު ހދ. މަކުނުދޫގައި ހިނގި ގޭސް ސިލިންޑަރު ގޮވި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ހިނގި ގޭސް ސިލިންޑަރު ގޮވުމުގެ މި ހަދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިބައި ވަނީ އެކި ސަރަހައްދުތަކަށް ބުރައިގެން ގޮސްފައެވެ. ފުލުހުން ބުނީ މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެމީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލާނީ ފުލުހުންގެ ތަހުގީގު ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަކުނުދޫގައި އިއްޔެ ހިނގި ނުރައްކާތެރި މި ހާދިސާ އާއި ގުޅިގެން އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނާއި އެ ރަށުގެ ނަރުދަމާ މަސައްކަތަށް ބޭނުންވާ ސާމާނު ހުންނަން ސައިޓު ސަރަހައްދުގައި ހިނގި މި ހާދިސާގެ ތަހުގީގަށް އެ ސަރަހައްދުގައި ހުރި ތަކެތި ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.