ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ‘ފޭކު’ މެސެޖެއް ދައުރު ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އެދިއްޖެއެވެ.
ބީއެމްއެލް އިން ބުނީސައްހަ ނޫން މެސެޖެއްގެ ގޮތުގައި މިހާރު ދައުރު ކުރަމުންދަނީ ކަސްޓަމަރުގެ އެކައުންޓުން އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ވުމުން ސެކިއުރިޓީ ސަބަބުތަކާހުރެ އެކައުންޓް ހޯލްޑް ކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އެކައުންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ މެސެޖުގައި ހިމަނާފައި ވާ ލިންކަށް ވަނުމަށް ބުނެފައިވެއެވެ.
ބީއެމްއެލް އިން ވަނީ އެ މެސެޖަކީ ސްކޭމްކުރުމަށް ބޭނުން ކުރާ ލިންކެއް ކަމަށާއި އެ ލިންކަށް ނުވަނުމަށް އެދިފައެވެ.
This is a phishing SMS. Be vigilant of fraudsters using spoofed numbers to send SMS with external links.
DO NOT click such links as BML will not send SMS with any links.#Samaaluvey! pic.twitter.com/7dyrbj0ZSB
— Bank of Maldives (@bankofmaldives) October 20, 2023
ރާއްޖޭގައި މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖު ފޮނުވައިގެން މީހުންގެ އެކައުންޓުން ފައިސާ ފޭރޭ މައްސަލަ ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ ފޭކެ މެސެޖު އަދި ކޯލުތަކަށް ސަމާލުކަން ދިނުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރަމުން އަންނައިރު މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.