English Edition
Dhivehi Edition

ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި އޮޅުވާލައިގެން ސައްހަ ނޫން ބޭންކް ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިހާތަނަށް ކުރި ތަހުގީގުތަކުން، ޓްރާންސްފާ ސްލިޕް ހެދުމަށް ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހާއްސަކޮށް، ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކުމަށް އެފަދަ ސްލިޕްތައް ފޮނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ވިޔަފާރިކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި ފަދަ މައްސަލަތަކުން ރައްކާތެރިވާން އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ފަހު ނޫނީ ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން ވަނީ އެދިފައެވެ. މި ފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް، ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ސައްހަ ނޫން ސްލިޕް ފޮނުވައިގެން މުދާ ހޯދުމުގެ މައްސަލަތަކުގައި މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވެފައި ވެސް ވެ އެވެ.