English Edition
Dhivehi Edition
ޑރ.މުއިއްޒު ފުވައްމުލައް ސީޓީއަށް ވަޑައިގަތުން /ފޮޓޯ:ޕީޕީއެމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ ކަވަރުކުރުމުގެ ފުރުސަތު ބޭރުގެ މީޑިއާތަކަށް ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބޭރުގެ މީޑިއާތަކަށް ފޮނުވި ދައުވަތުގައިވާ ގޮތުން ހުވައިކުރުމުގެ ރަސްމިއްޔާތު އޮންނަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ. މަޖިލީހުގެ އިދާރާއިން ބުނީ ބައިނަލްއަގްވާމީ މީޑިއާއަކުން މި އިވެންޓް ކަވަރު ކުރުމަށް ރާއްޖެ އަންނަން ބޭނުންވާ ނަމަ އެ ކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ގޮތުން ވިސާއާއި އެހެނިހެން ހުއްދަތައް ހޯދުމާއި، ހުރުމުގެ ކަންކަމަށް ބޭނުންވާ މުހިންމު އިދާރީ ކަންކަން ހަމަޖައްސައިދޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ރާއްޖެ އަންނަ ފަރާތްތަކުގެ ޓިކެޓާއި އެކޮމަޑޭޝަންގެ އިތުރުން ކެއުމުގެ ހަރަދު ހަމަޖައްސަން ޖެހޭނީ އެ މީޑިއާ އަކުން ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މި ހަފްލާ ކަވަރުކުރަން ޝައުގުވެރިވާ މީޑިއާތަކުން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ފޯމް ހުށަހެޅުމަށް އެދިފައެވެ.