English Edition
Dhivehi Edition
10 މާރިޗު 2020 ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެ މަނިކުފާނަށް 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ވެއްދީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

މިއަދު މަޖިލީހުގެ އާންމު ކޮމިޓީޏް ބޭއްވި ބައްދަލުވުމުގައި، ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށް ހުށަހަޅުއްވާފައެވެ. އަދި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަން ތިން މިނިޓް ދިނުމަށްވެސް ވަނީ ހުށަހެޅުއްވާފައެވެ. އެހެންނަމަވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ މަޖިލީހުގެ ރައީސް ޖަވާބުދާރީވުމަށް ދެ ގަޑިއިރު ދިނުމަށް އެދިފައެވެ.

މި ދެ ހުށަހެޅުމާއެކު އާންމު ކޮމިޓީގައި ކުރި މަޝްވަރާތަކަށްފަހު، ވޯޓަށް އެހުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 6 މެންބަރުންގެ ތެރެއިން 4 މެންބަރުންގެ ތާއީދާއެކު ފާސްވީ ޝާހިދު ހުށަހެޅުއްވި ގޮތަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާފައިވަނީ އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރުކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.