English Edition
Dhivehi Edition
ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ

އިސްރާއީލުން ފަލަސްތީނުގެ ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ގާޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ އަލް ޒައިތޫން އަވަށުގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) އަށް އިސްރާއީލުން ދިން ހަމަލާގައި މިހާތަނަށް 500 މީހުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާއާ ގުޅިގެން ރާއްޖޭގެ ފޮރުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އަލް އަހްލީ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވުމާއި ގުޅިގެން، ހައިރާންވެ ބިރުވެރިކަން އުފެދިއްޖެ ކަމަށެވެ. އާންމުންނަށް އަމާޒުކޮށް ހޮސްޕިޓަލްތަކަށާއި މަދަނީ ތަންތަނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފުކަމެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވަނީ މި ހަމަލާތައް ހުއްޓާލުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްގެ ބޭނުން ހިފުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.