English Edition
Dhivehi Edition

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނާ މިރޭ ބައްދަލުކުރައްވާނެ ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ބަސްދަލުކުރެއްވުން އޮތީ މިރޭ 20:30ގައި ދަރުބާރުގޭގައި ކަމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ވެސް ހުންނެވި މުއިއްޒު، މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިޚާބުވިފަހުން ކައުންސިލްގެ މުވައްޒަފުންގެ ކުރި އެރުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މުވައްޒަފުންގެ ކުރި އެރުމާއި ތަރައްޤީ އަށް ހެޔޮ ބަދަލުތަކެއް ވެސް ގެނެސްދެއްވާފައި ވެއެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް މިހާރުވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ހަވާލުކުރައްވާފައެވެ.

އެމަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ ފަރާތުން އިންތިޚާބުގެ ތެރޭގައި ލިބިވަޑައިގެންނެވި އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާ ހަމައަށް މޭޔަރުކަމުގައި ހުންނަވާނެ ކަމަށާއި ނަމަވެސް މާލެ ސިޓީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކުރައްވާފައިވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރުކަމަށް ޑރ. މުޢިއްޒު އިންތިޚާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްޞައްތާރާ ވާދަކޮށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.